މަސައްކަތު ތަންތަނުގައި ހޫނުގެ ބުރަ (ހީޓް ސްޓްރެސް) އިތުރުވުމުގެ ސަބަބުން، 2040 ވަނަ އަހަރު ވާއިރަށް ދިވެހިރާއްޖެއަށް އަހަރަކު ގާތްގަނޑަކަށް 576 މިލިއަން ޑޮލަރުގެ ގެއްލުމާއި، ގާތްގަނޑަކަށް 2,400 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ މަސައްކަތު ވަގުތު ގެއްލިދާނެ ކަމަށް ބައިނަލްއަގްވާމީ މަސައްކަތު ޖަމުޢިއްޔާ (އައި.އެލް.އޯ) އިން 30 އޮކްޓޫބަރުގައި ބުނެފިއެވެ. މިއީ ދުނިޔޭގައި ކާބަން ބޭރުކުރުން ދަށް މިންވަރެއްގައި ހިފެހެއްޓިޔަސް ކުރިމަތިވާނެ ކަމަށް ލަފާކުރާ ގެއްލުމެވެ.

އައި.އެލް.އޯ އިން 29 އޮކްޓޫބަރުގައި ޝާއިޢުކުރި ދިރާސާއާއި ފެކްޓްޝީޓުގައި 2040 ވަނަ އަހަރު އަޅާކިޔާފައިވަނީ 1985 އިން 2014 އަށް ހުރި މުއްދަތުގެ އާންމު އަހަރަކާއެވެ. ކާބަން ބޭރުކުރުން ދަށް މަގުގައި، މި ގެއްލުމަކީ ޖީޑީޕީގެ ގާތްގަނޑަކަށް 7.7 އިންސައްތައާއި، މަސައްކަތު ބާޒާރުގެ ގާތްގަނޑަކަށް 1.8 އިންސައްތައެވެ.

ކާބަން ބޭރުކުރުން އިތުރުވެއްޖެނަމަ، 2040 ވަނަ އަހަރު ގެއްލުން ގާތްގަނޑަކަށް 3,600 ފުލްޓައިމް ވަޒީފާއާއި 614 މިލިއަން ޑޮލަރާ (ޖީޑީޕީގެ 8.2 އިންސައްތަ) ހަމައަށް އަރާނެއެވެ. 2060 ވަނަ އަހަރު ވާއިރަށް އަހަރީ ގެއްލުން 1.5 ބިލިއަން ޑޮލަރާއި 1.7 ބިލިއަން ޑޮލަރާ ދެމެދަށް، ނުވަތަ ޖީޑީޕީގެ 9.2 އިންސައްތައާއި 10.5 އިންސައްތައާ ދެމެދަށް އަރާނެ ކަމަށް ދިރާސާގައި ވެއެވެ.

މި ބުރަ މިހާރުވެސް ކުރިމަތިވަމުން ދާކަމަށް އައި.އެލް.އޯ އިން ބުނެއެވެ. 2023 ވަނަ އަހަރު ހޫނުގެ ބުރައިގެ ސަބަބުން ދިވެހިރާއްޖެއަށް ވީ ގެއްލުމަކީ، 1985 އިން 2014 އަށް ހުރި މުއްދަތުގެ އާންމު އަހަރަކަށްވުރެ 364 މިލިއަން ޑޮލަރު ގިނަ ގެއްލުމެކެވެ. އެ އަހަރު ގާތްގަނޑަކަށް 1,700 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ މަސައްކަތު ވަގުތު އިތުރަށް ގެއްލުނެވެ.

2023 ވަނަ އަހަރުގެ ޖީޑީޕީ ގެއްލުމުގެ 69.3 އިންސައްތަ، ނުވަތަ 252.6 މިލިއަން ޑޮލަރު ވަނީ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީއާއި ވިޔަފާރި ހިމެނޭ ޚިދުމަތުގެ ދާއިރާއަށެވެ. ދެވަނައަށް އެންމެ ގިނައީ ދަތުރުފަތުރާއި ވިޔަފާރީގެ ދާއިރާއަށް ވީ 13.8 އިންސައްތައެވެ. ގެއްލުނު ވަޒީފާތަކުގެ 57 އިންސައްތަ ވަނީ ޚިދުމަތުގެ ދާއިރާއިން ކަމަށާއި 22 އިންސައްތަ ވަނީ ޢިމާރާތްކުރުމުގެ ދާއިރާއިން ކަމަށް ދިރާސާގައި ވެއެވެ. ގެއްލުމުގެ 35 އިންސައްތަ ވަނީ އެންމެ ހޫނު މޫސުމް ކަމަށްވާ އޭޕްރީލުން ޖޫނަށް ހިމެނޭ ދެވަނަ ކުއާޓަރުގައެވެ.

ފެކްޓްޝީޓުގައިވާ ގޮތުން، 1985 އިން 2014 އަށް ހުރި މުއްދަތުގައި ޢިމާރާތްކުރުމާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކުގެ މަސައްކަތުތެރިންގެ އުފެއްދުންތެރިކަމުގެ 13 އިންސައްތައާއި 15 އިންސައްތައާ ދެމެދު ހޫނުގެ ސަބަބުން ގެއްލުނެވެ. މިއީ އެހެން ހުރިހާ ދާއިރާއަކަށްވުރެ ބޮޑު ގެއްލުމެވެ.

"މަސައްކަތުތެރިން ހޫނުގެ ބުރައިން ރައްކާތެރިކުރުމަކީ، މަސައްކަތުގެ ސަލާމަތާއި ސިއްހަތާއި، މޫސުމީ ބަދަލަށް ތައްޔާރުވުމާއި، އިގްތިސާދީ ވަރުގަދަކަމަށް ބަލާއިރު ހިމެނެންޖެހޭ ކަމެކެވެ" ސްރީލަންކާއާއި ދިވެހިރާއްޖެއަށް ބެލުމަށް އައި.އެލް.އޯ ގެ ކަންޓްރީ ޑިރެކްޓަރު ޖޯނީ ސިމްސަން ވިދާޅުވިއެވެ.

އައި.އެލް.އޯ އިން ދޭ ލަފާ

އެންމެ ހޫނު ގަޑިތަކުން މަސައްކަތު ގަޑިތައް ބަދަލުކުރުމާއި، މަސައްކަތާއި އަރާމުކުރުމުގެ ވަގުތުތައް ކަނޑައެޅުމާއި، މަސައްކަތު ތަންތަނުގައި ހިޔާއާއި ބޯފެނާއި ފިނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދިރާސާތަކުގައި ލަފާދީފައިވެއެވެ. މަސައްކަތު ތަންތަނުގެ ހޫނު ބެލެހެއްޓުމާއި، މަސައްކަތުގެ ސަލާމަތާއި ސިއްހަތުގެ މިންގަނޑުތައް ވަރުގަދަކުރުމާއި، ހޫނުގެ ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ލަފާދީފައިވެއެވެ. އާމްދަނީ ގެއްލިދާނެތީ މަސައްކަތު ގަޑިތައް ކުޑަނުކުރެވޭ މަސައްކަތުތެރިންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން ވެސް އައި.އެލް.އޯ އިން ފާހަގަކޮށްފައިވެއެވެ.

ސްރީލަންކާއާއި ދިވެހިރާއްޖެ ގުޅުވައިގެން، 2040 ވާއިރަށް ގާތްގަނޑަކަށް 147,000 ފުލްޓައިމް ވަޒީފާއާ އެއްވަރާއި، އަހަރަކު ގާތްގަނޑަކަށް 26.6 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އައި.އެލް.އޯ އިން ލަފާކުރެއެވެ. ދިވެހިރާއްޖޭގެ ދިރާސާއަކީ ސްރީލަންކާ، އިތިއޯޕިއާ، ގާނާ، ލުބުނާނާއި ސެނެގާލް ހިމެނޭ ހަ ޤައުމެއްގެ ދިރާސާއެއްގެ ބައެކެވެ. މި ދިރާސާތައް ހެދީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް އާއި ވީ20 ގެ އެހީގައެވެ.