ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ލިބެންޖެހޭ ޑީސަލަށް ހިޔާނާތްތެރިވި މައްސަލައިގައި ދެ މީހަކު 8 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު، 29 އޮކްޓޫބަރުގައި ހުކުމްކޮށްފިއެވެ.
ކޯޓުން ކުށްވެރިކުރީ އެ ދުވަސްވަރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރި ސ. ފޭދޫ، ވާރުގެ، މުހައްމަދު އައިމަނާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބައުޒަރު ދުއްވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްއެވެ. އެ ދެ މީހުންގެ މައްޗަށް ސާބިތުވީ ހިޔާނާތްތެރިވުމާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.
ހިޔާނާތްތެރިވުމުގެ ކުށަށް 8 އަހަރާއި، ސައްހަނޫން ލިޔުމުގެ ކުށަށް 9 މަހާއި 18 ދުވަސް ޖަލަށްލުމަށް ހުކުމްކުރިއެވެ. އަދި ޑީސަލްގެ އަގަށްވާ 6,799,800 ރުފިޔާ ދައުލަތަށް ދައްކަން ވެސް ކޯޓުން ހުކުމްކުރިއެވެ.
119 ޑެލިވަރީ ނޯޓު
ދައުލަތުން ކުރި ދައުވާގައި ވާ ގޮތުން، 13 ޖަނަވަރީ 2020 އިން 10 އޮކްޓޫބަރު 2020 އާ ދެމެދު ތައްޔާރުކުރި 119 ޑެލިވަރީ ނޯޓަކުން، އެމްޕީއެލްއަށް ނުލިބޭ ޑީސަލް ލިބިފައިވާ ކަމަށް ދައްކާފައިވެއެވެ.
ދައުވާގައި ބުނީ، އައިމަން ވަނީ އެ ނޯޓުތަކަކީ 2019 ވަނަ އަހަރު ކުންފުންޏަށް ދިން ތެލާ ގުޅޭ ނޯޓުތައް ކަމަށް ބުނެ، އެ ނޯޓުތައް ބަލައިގަތުމަށް އިރުޝާދު ދީފައި ކަމަށެވެ. ދެން އެ ނޯޓުތައް އެމްޕީއެލްގެ ސިސްޓަމުގައި ޕްރޮސެސްކޮށް، ކުންފުންޏަށް 783,100 ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ދައްކާފައިވެއެވެ.
ދައުވާގައި ވާ ގޮތުން، އެގޮތުން ލިބިފައި ނުވާ ތެލުގެ އަގުގެ ގޮތުގައި އެމްޕީއެލުން އެފްއެސްއެމްއަށް 6,799,800 ރުފިޔާ ދައްކާފައިވެއެވެ. ސޮޖިބްގެ މައްޗަށް ދައުވާކުރީ، އެފްއެސްއެމްގެ ބައުޒަރު ޑްރައިވަރުގެ ގޮތުގައި ހުރެ 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކުރި ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 25 ފެބުރުއަރީ 2024 ގައެވެ.