ވ. އަތޮޅުގައި ފީނަން ގޮސް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ނިޔާވި ގައުމީ ދިފާއީ ބާރުގެ (އެމްއެންޑީއެފް) ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީއަށް، އިޓަލީގެ “ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ” ގެ ޝަރަފު، އޭނާ ނިޔާވުމަށްފަހު ދީފިއެވެ.
ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ބުނީ، މި މެޑެއްޔަކީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީގެ ޖުމްހޫރިއްޔާއިން ދޭ އެންމެ މަތީ ޝަރަފު ކަމަށެވެ.
އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީން ގުޅިގެން، މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ފައިސާ އެއްކުރުމުގެ ހަރަކާތެއް ވެސް ފަށައިފިއެވެ. އެމްބަސީން ބުނީ، ލިބޭ ފައިސާ މަހުދީގެ ޝަރުޢީ ވާރިސުންނާ ހަވާލުކުރާނެ ކަމަށާއި، ފައިސާ ބެލެހެއްޓުމުގައި ދެފުށް ފެންނަ އުސޫލަކުން މަސައްކަތް ކުރާނެ ކަމަށެވެ.
ފައިސާ ހަދިޔާކުރެވޭނެ ގޮތް
ފައިސާ ޖަމާކުރެވޭނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި “Sergeant Mahdhee Memorial Fund” ގެ ނަމުގައި ހުޅުވާފައިވާ ރުފިޔާގެ އެކައުންޓަށެވެ. އެކައުންޓް ނަންބަރަކީ 901 01 53500004 1001 އެވެ. ފައިސާ ފޮނުވާއިރު ރެފަރެންސްގައި “Donation in Memory of Mohamed Mahudhee” އާއި ފޮނުވާ ފަރާތުގެ ނަން ލިޔުމަށް އެމްބަސީން އެދިފައިވެއެވެ.
މި ހަރަކާތް ހުޅުވާލާފައި ހުންނާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް ކަމަށް އެމްބަސީން ބުންޏެވެ.
ހޯދުމުގެ މަސައްކަތް
އެމްއެންޑީއެފުން ބުނި ގޮތުގައި، ވ. އަތޮޅުގައި ފަސް ޑައިވަރުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ 14 މޭ ވަނަ ދުވަހު 13:45 ގައެވެ. އެ ދުވަހުގެ ހަވީރު، ގާތްގަނޑަކަށް 60 މީޓަރުގެ އަޑީގައިވާ ކޭވެއްގެ ތެރެއިން އެކަކު ފެނުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ގެއްލުނު ފަސް ޑައިވަރުންނަކީ އިޓަލީގެ ރައްޔިތުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހޯދުމުގެ މަސައްކަތް ބައްލަވާލުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށް ހިތާމަ ފާޅުކުރައްވާފައެވެ.
އެމްއެންޑީއެފުން ބުނީ، ބާކީ ހަތަރު ޑައިވަރުން ހޯދުމަށް ކުރިއަށްދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރަމުން ދަނިކޮށް މަހުދީ ނިޔާވީ 16 މޭ ވަނަ ދުވަހު ކަމަށެވެ. އެ ރޭ މާލޭގައި ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބޭއްވި އޭނާގެ ޖަނާޒާގައި ރައީސް މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފުން ބުނީ، މަހުދީއަކީ ކޯސްޓްގާޑުގެ ޑައިވިންގ ޔުނިޓުގައި މަސައްކަތްކުރި ތަޖުރިބާކާރު ޑައިވަރެއް ކަމަށާއި، އޭނާ ސިފައިންގެ ޚިދުމަތުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އަދި އޯޕަން ވޯޓަރ ޑައިވިންގ ކޯސްތަކުގައި އޭނާ ވަނީ މުދައްރިބެއްގެ ގޮތުގައި ވެސް ޚިދުމަތްކޮށްފައެވެ. އޭނާ ނިޔާވުމުގެ ހިތާމައިގައި 48 ގަޑިއިރަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރިއެވެ.
އިޓަލީގެ އެމްބަސީން ވަނީ މަހުދީގެ އާއިލާއަށް ތަޢުޒިޔާ ދަންނަވައި، މި ހަރަކާތަށް އެހީތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.