ށ. ފުނަދޫގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގައި އާދީއްތަ ދުވަހު ހެނދުނު ރޯވި އަލިފާން، ކައިރީގައި ހުރި ގެތަކާއި ގަރާޖުތަކަށް ފެތުރުމަށް ފަހު މެންދުރާ ކައިރިވެގެން އެއްކޮށް ނިއްވާލެވުނު ކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ބުނެފިއެވެ.

ދިފާޢީ ބާރުން ބުނީ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުގެ ރިޕޯޓް 25 އޮކްޓޫބަރު ހެނދުނު 8:00 ގައި ނޮދަން އޭރިއާ ކޮމާންޑްގެ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ފަޔަރފައިޓަރުން އެ ރަށަށް ފޮނުވި ކަމަށެވެ. އަލިފާން ނިއްވުމަށް އެންމެ ފުރަތަމަ ހަރަކާތްތެރިވީ ފުނަދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުން ކަމަށް ވެސް ދިފާޢީ ބާރުން ބުންޏެވެ.

ދިފާޢީ ބާރުން ބުނި ގޮތުގައި އަލިފާނުގެ 90 ޕަސެންޓު ކޮންޓްރޯލް ކުރެވުނީ 10:57 ގައި ކަމަށާއި، އެއްކޮށް ނިއްވާލެވުނީ 11:58 ގައެވެ. އެ މަސައްކަތުގައި އެއަރޕޯޓުގެ ފަޔަރފައިޓަރުންނާއި، ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގެ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑާއި، ފުލުހުންނާއި، ސްކޫލުގެ ކެޑެޓުންނާއި، ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އަނިޔާވި މީހުންގެ އަދަދު ތަފާތު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހާދިސާގައި އަނިޔާވެގެން 18 މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެއީ އާންމުންގެ 16 މީހަކާއި، ފަޔަރފައިޓަރަކާއި، ހޮސްޕިޓަލުގެ މުވައްޒަފެކެވެ. ފަހުން އެ އޮތޯރިޓީން ބުނީ ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި ބާކީ މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދީފައިވާ އަދަދުތައް ތަފާތެވެ. ހޮސްޕިޓަލުގެ އިސްވެރިއަކު ކުރިން ބުނީ 16 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި ފިހިފައިވާ ހަ މީހަކާއި ހޭނެތިގެން ގެނައި ހަތަރު މީހަކު ހިމެނޭ ކަމަށެވެ. ފަހުން ހޮސްޕިޓަލުގެ ސީނިއަރ ހެލްތް ކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު އަސްމާ އާދަމް ވިދާޅުވީ 20 މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. އެއީ ފިހިގެން އަށް މީހަކާއި، ދުމުގެ އަސަރުކޮށްގެން ދެ މީހަކާއި، ޕެނިކް އެޓޭކާއި އެހެނިހެން އަނިޔާތަކާ ގުޅިގެން 10 މީހަކެވެ.

ހޮސްޕިޓަލުން ބުނީ ފިހުނު މީހުން ތިބީ އަލިފާނާ ދުރުގައި ކަމަށާއި، ޓޭންކެއް ގޮވައިގެން އެއްޗެހި 200 ފޫޓު ހާ ދުރަށް ބުރައިގެން ދިޔަ ވަގުތު އެ މީހުންނަށް އަނިޔާވި ކަމަށެވެ.

ގެތަކަށް ގެއްލުން

އެންޑީއެމްއޭއިން ފުރަތަމަ ބުނީ ހަތަރު ގެއަކާއި ފަސް ގަރާޖަކަށް އަސަރުކުރި ކަމަށެވެ. ފަހުން އެ އޮތޯރިޓީން ބުނީ ފަސް ގެއަކަށް އަސަރުކޮށްފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން 33 މީހަކު އެހެން ތަންތަނަށް ބަދަލުކުރި ކަމަށެވެ. އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ޕެޓްރޯލް ޝެޑު ހުންނަނީ ފުނަދޫ ބަނދަރު ސަރަހައްދުގައި، ރައްޔިތުން ދިރިއުޅޭ ގެތަކާ ކައިރީގައެވެ. އަލިފާން ރޯވި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ވިދާޅުވީ ގެއްލުން ލިބުނު ފަރާތްތައް އަވަހަށް ކުރީގެ ހާލަތަށް ރުޖޫޢަވުމަށް އެދޭ ކަމަށެވެ. ރައީސް ވަނީ ދިފާޢީ ބާރާއި، ފުލުހުންނާއި، ފުނަދޫ އަދި މާފަރު އެއަރޕޯޓުތަކާއި ޖޭޑަބްލިޔު މެރިއޮޓްގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކާއި، ށ. އަތޮޅު ހޮސްޕިޓަލާއި، ނޭޝަނަލް ކެޑެޓް ކޯއާއި، ފުނަދޫ ކައުންސިލާއި، ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.