މަސްވެރިކަމާއި މެރިކަލްޗަރާއި މެރިން ރިސާޗްގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ބެޗެލަރސް އަދި މާސްޓަރސް ޑިގްރީ ކިޔެވުމަށް ސްކޮލަރޝިޕްތަކަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީން ބުނީ މި ތިން ދާއިރާއިން ޖުމްލަ 14 ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލަރޝިޕްތައް ދެނީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓްގެ ދަށުން، އެ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޯސްތައް ކިޔަވައިދޭނީ އޭޝިއާގެ ޤައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ މެމްބަރު ޤައުމުތަކާއި، އޯއީސީޑީގެ ޤައުމުތަކުގައެވެ.
މިނިސްޓްރީން ހާމަކުރި ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި މެރިން ރިސާޗާއި މެރިކަލްޗަރގެ އިތުރުން، އެކުއަޓިކް ހެލްތު ނުވަތަ ޕެތޮލޮޖީ، ޖީއައިއެސް ނުވަތަ އޯޝަނޮގްރަފީއަށް ޚާއްޞަ މެރިން ސައިންސް، އަދި އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) ހިމެނެއެވެ.
ކުރިމަތިލެވޭނީ ކާކަށް؟
މިނިސްޓްރީން ބުނީ މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ މީހަކީ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލުކޮށް، އެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ބެޗެލަރސް ޑިގްރީއަށް ކުރިމަތިލާ މީހަކީ ޖީސީއީ އޯ ލެވެލްގެ ފަސް މާއްދާއިން އަދި އޭ ލެވެލްގެ ތިން މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ، ނުވަތަ ޤަބޫލުކުރެވޭ ފައުންޑޭޝަން ސަނަދެއް ފުރިހަމަކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ.
ސްކޮލަރޝިޕް ލިބޭ މީހުންނަށް ކޯސް ފީއާއި، އަހަރީ ބުކް އެލަވަންސާއި، އެސްޓަބްލިޝްމަންޓް އަދި ޑިޕާޗަރ އެލަވަންސާއި، މަހުން މަހަށް ސްޓައިޕެންޑެއް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިމަތިލާނެ ގޮތް
މި ފުރުޞަތުތަކަށް ކުރިމަތިލެވޭނީ 15 ނޮވެމްބަރު ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންވާނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، ހ. ޕަލްމޭރާގެ ތިންވަނަ ފަންގިފިލާއަށް، ނުވަތަ މިނިސްޓްރީގެ އިޢުލާނުގައިވާ އީމެއިލް މެދުވެރިކޮށެވެ.