ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިސްނެގުމުގައި ހިންގި ބައިނަލްއަގުވާމީ އޮޕަރޭޝަނެއްގައި ބައިވެރިވެ، ސްކޭމްތަކުގައި އާންމުންނަށް ގެއްލުނު 3.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 22 އޮކްޓޫބަރުގައި ބުނެފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރު ބައިވެރިވި "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ކުރިއަށް ގެންދިޔައީ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ. މި އޮޕަރޭޝަނުގައި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ބައިވެރިވިއެވެ.

ފުލުހުން ބުނީ، އެ ތިން މަސްދުވަހުގެ ތެރޭގައި ސެންޓަރަށް ސްކޭމްގެ 544 މައްސަލައެއް ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި ޖުމްލަ 5،256،101.97 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 3،104،075.38 ރުފިޔާ، ނުވަތަ ގާތްގަނޑަކަށް 59.1 އިންސައްތަ، އަނބުރާ ހޯދައިދެވުނީ ފައިސާ ދައުރުކުރެވުމުގެ ކުރިން ހިފެހެއްޓުމަށް އަވަސް ފިޔަވަޅު އެޅުމުންނެވެ.

17 މީހަކު ހައްޔަރުކޮށް، 1،088 އެކައުންޓް ފްރީޒްކޮށްފި

ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ ފަރާތްތަކެއްގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށާއި، ތަހުގީގުތަކާ ގުޅިގެން 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި މީހުންގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެ.

ބޭންކުތަކާ ގުޅިގެން، ސްކޭމްގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި ކަމަށް ޝައްކުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ފްރީޒްކޮށްފައިވެއެވެ. ފުލުހުން ބުނީ މިއީ ޝިކާރައަކަށްވި ފަރާތްތަކުގެ ގެއްލުން ކުޑަކޮށް، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމް

އެންމެ ގިނައިން ރިޕޯޓްކުރެވިފައިވަނީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ނަމުގައި ހިންގާ ސްކޭމްތަކެވެ. އެފަދަ 230 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ 107 މައްސަލައެވެ.

ބުކިން ކެންސަލްކުރުމާއި ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލުމުގެ 80 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއީ އިތުރުވަމުން އަންނަ އާ ބާވަތެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި ފައިސާ ހޯދުމުގެ 43 މައްސަލައާއި، އިންވެސްޓްމަންޓްގެ ނަމުގައި ހިންގި 32 ސްކޭމާއި، ހުއްދައެއްނެތި އެކައުންޓުން މުއާމަލާތްކުރުމުގެ 27 މައްސަލައާއި، ލޯބީގެ ގުޅުމެއް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ރެކޯޑްކުރެވިފައިވެއެވެ.

ފުލުހުން ބުނީ، ބައިނަލްއަގުވާމީ ގޮތުން މި އޮޕަރޭޝަނުގައި އިންޓަޕޯލާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް އަދި ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ 13 ކުންފުންޏެއް ބައިވެރިވި ކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 4،126 ބޭންކު އެކައުންޓާއި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، 29 ސްކޭމް ސެންޓަރެއް ރެއިޑްކޮށްފައިވެއެވެ. މި ނަތީޖާތައް ހާމަކުރީ ވިއެނާގައި ބޭއްވުނު، ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ އދ. ގެ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގައެވެ.

އޮޕަރޭޝަނުގެ މުއްދަތުގައި ޓީވީ ޕްރޮގްރާމްތައް ހިމެނޭ ގޮތަށް ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް އެންޓި-ސްކޭމް ސެންޓަރުން ހިންގި ކަމަށް ވެސް ފުލުހުން ބުންޏެވެ.