ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުންދާ ހާއްސަ ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ ޖަވާބު ހޯދުމަށް ފޮނުވާފައިވާކަން މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލުން ފެނެއެވެ.

EPT202600052 ނަންބަރުގެ މި ޕެޓިޝަން ހުށަހަޅާފައިވަނީ ސ. މަރަދޫފޭދޫ، މިދުޢަމް ސަޢުދު އެވެ. އޮގަސްޓު މަހުގެ 12 ގައި ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރުމަށް 16 އޮގަސްޓުގައި ހުޅުވާލި އިރު، ސެޕްޓެންބަރު މަހުގެ ނިޔަލަށް ސޮއިކުރުމުގެ މުއްދަތު ހަމަވިއިރު 7,225 މީހުން ސޮއިކޮށްފައިވެއެވެ.

ޕޯޓަލުގައިވާ ގޮތުން، މި ޕެޓިޝަން 18 އޮކްޓޫބަރުގައި ޕެޓިޝަން ކޮމިޓީއަށާއި މަޖިލީހުގައި ބަހުސްކުރުމަށް ފޮނުވާފައިވާއިރު، 22 އޮކްޓޫބަރުގައި ކަމާބެހޭ އިދާރާތަކުގެ ޖަވާބު ހޯދުމަށް ފޮނުވާފައިވެއެވެ.

ގާނޫނުގައި ބުނާ ގޮތް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު (ގާނޫނު ނަންބަރު 5/2013) ގައި ބުނާގޮތުން، ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކު ގައުމުތަކާއި އާސިއާން ގައުމުތަކުން ފަރުވާ ލިބޭ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހެއެވެ. ކުރީގެ މެންބަރުންނަށްވެސް މި ފަދަ ހެލްތު އިންޝުއަރެންސް ދޭން ގާނޫނުގައި ބުނެފައިވެއެވެ.

2015 އިން 2025 އަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސްގެ ޕްރިމިއަމްއަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

ޕެޓިޝަނުގައި އެދިފައިވާ ކަންތައް

ޕެޓިޝަނުގައި ބުނެފައިވަނީ، ދައުލަތުން ދޭ އަސާސީ ސިއްހީ އިންޝުއަރެންސަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއް އުސޫލަކުން ދޭންޖެހޭ އެއްޗެއް ކަމަށެވެ. ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރު އިންޝުއަރެންސަކަށް ހަރަދުކުރަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގުތިސޯދަށް ބަލައި ކޮށްފައިވާ ދިރާސާތަކުން ފެންނަ ގޮތުގައި، ކުރީގެ މެންބަރުންނަށް އުމުރަށް ހެލްތު އިންޝުއަރެންސް ދޭ އެއްވެސް ބޮޑު ގައުމެއް ނެތް ކަމަށްވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.

މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނާއި އެމީހުންގެ އާއިލާތަކަށް މި އިންޝުއަރެންސް ދޭ ގާނޫނުތައް އުވާލައި، ހުރިހާ މެންބަރުންނަކީވެސް އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް ލިބޭ ބަޔަކަށް ހެދުމަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ.