ދިވެހިރާއްޖެއާއި އޯމާނުގެ ބޭރުގެ ވުޒާރާތަކުގެ ދެމެދުގައި ބާއްވާ ސިޔާސީ މަޝްވަރާގެ ފުރަތަމަ ބައްދަލުވުން، އޮކްޓޫބަރު 22 ވަނަ ދުވަހު މަސްކަޓްގައި ބާއްވައިފިކަމަށް އޯމާނުގެ ބޭރުގެ ވުޒާރާއިން ބުނެފިއެވެ.

އޯމާނުގެ ބޭރުގެ ވުޒާރާގެ މައި އިމާރާތުގައި ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ހިންގީ ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި، އޯމާނުގެ ބޭރުގެ ވުޒާރާގެ ސިޔާސީ ކަންކަމާ ބެހޭ އަންޑަރ ސެކްރެޓަރީ ޝައިޚް ޚަލީފާ އަލްޙާރިޘީ އެވެ.

ވުޒާރާއިން ބުނީ، ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުންތައް ވަޒަންކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ބްލޫ އިކޮނޮމީއާއި، އިއާދަކުރަނިވި ހަކަތައާއި، ސަޤާފީ ތަބާދަލުތަކުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމުގެ ފުރުޞަތުތަކާ މެދު މަޝްވަރާކުރި ކަމަށެވެ.

އަދި ދެ ޤައުމަށް މުހިންމު ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކަންކަމާ ބެހޭގޮތުން ވެސް ދެފަރާތުން ޚިޔާލު ފާޅުކުރިކަމަށް ވުޒާރާއިން ބުންޏެވެ.

އިސް ބޭފުޅުން ބައިވެރިވި

މި ބައްދަލުވުމުގައި އޯމާނުގެ ބޭރުގެ ވުޒާރާގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓުގެ ވެރިޔާ، އެމްބެސެޑަރ ޝައިޚް އަބްދުލްޢަޒީޒް އަލްޙޮސްނީ އާއި ދެ ޤައުމުގެ ބޭރުގެ ވުޒާރާތަކުގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ.

ސިޔާސީ މަޝްވަރާއަކީ ދެ ޤައުމުގެ ގުޅުންތައް ވަޒަންކޮށް، އެއްބާރުލުމުގެ ދާއިރާތައް ކުރިއަށް ގެންދިއުމަށް ބޭރުގެ ވުޒާރާތައް ބޭނުންކުރާ އުސޫލެކެވެ. ދިވެހިރާއްޖެއާއި އޯމާނާ ދެމެދު މިފަދަ މަޝްވަރާއެއް ބޭއްވީ މިއީ ފުރަތަމަ ފަހަރަށެވެ.

ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދިވެހި އިޤްތިޞާދުގެ މައި ދެ ރުކުނެވެ.