ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް 5 މިލިއަން ލަންކާ ރުޕީސް (ގާތްގަނޑަކަށް 250,000 ރުފިޔާ) އަށްވުރެ ގިނަ އަގެއް ހުރި އަސާސީ ބޭސްތަކުގެ ޝިޕްމަންޓެއް ހަދިޔާކޮށްފިކަމަށް ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީން ބުނެފިއެވެ.
މި ބޭސްތައް 22 އޮކްޓޫބަރުގައި ކޮލަމްބޯގައި ހުންނަ އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސައެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ބޭސްތަކާ ހަވާލުވެވަޑައިގަތީ ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު މަސްޢޫދު ޢިމާދެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ބުނީ، މި ހަދިޔާ ދީފައިވަނީ ދިވެހިރާއްޖޭގެ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ޖީލާ ޢަލީ އެދިވަޑައިގަތުމުން ކަމަށެވެ.
ސަރުކާރާއި ބޭސް އުފައްދާ ފަރާތްތަކުގެ އެއްބާރުލުން
މި ބޭސްތައް ފޯރުކޮށްދީފައިވަނީ ސްރީލަންކާގެ މެޑިކަލް ސަޕްލައިޒް ޑިވިޜަނާއި ސްޓޭޓް ފާމަސޫޓިކަލްސް މެނުފެކްޗަރިންގ ކޯޕަރޭޝަނުގެ ތެރެއިން، އެ ޤައުމުގެ ބޭސް އުފައްދާ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.
ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ އާއި ހެލްތު ސަރވިސަސްގެ ޑައިރެކްޓަރ ޖެނެރަލް ޑރ. އަސެލާ ގުނަވަރުދަނާއި ފާމަސޫޓިކަލް ދާއިރާގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހައިކޮމިޝަނަރު ޢިމާދު ވަނީ މި އެހީތެރިކަމަށްޓަކައި ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ދުވަސްވީ އެކުވެރިކަމާއި ގާތް ގުޅުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝިޕްމަންޓުގައި ހިމެނޭ ބޭސްތަކުގެ ތަފްޞީލު އާއްމުކޮށްފައެއް ނުވެއެވެ.
ޞިއްޙީ ދާއިރާގެ ގުޅުން ފުޅާވަމުން
މި ހަދިޔާ ލިބުނީ، ކްލިނިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ޤާއިމްކުރުމަށް ދިވެހި ހެލްތު މިނިސްޓްރީއާއި ސްރީލަންކާގެ ސުވަސެވަނަ ހޮސްޕިޓަލާ ދެމެދު އޮގަސްޓް މަހު ފަހުމުނާމާއެއްގައި ސޮއިކުރިތާ ދެ މަސްވީއިރުއެވެ.
ޖީލާ ޢަލީ ހެލްތު މިނިސްޓަރުކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ.