އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަމްރީނު ކޭމްޕް ޖެހިޖެހިގެން ދެވަނަ އަހަރުވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 24 އޮކްޓޫބަރުގައި ބުނެފިއެވެ.
އެ އެސޯސިއޭޝަނުން ބުނީ މިއަހަރުގެ ކޭމްޕް ބާއްވާނީ ކ. ގުރައިދޫގައި ކަމަށެވެ. ފަލަސްތީނުގެ ޓީމު ރާއްޖެ އަންނާނީ 27 އޮކްޓޫބަރު، އަންގާރަ ދުވަހުއެވެ. ގާތްގަނޑަކަށް 10 ދުވަހުގެ ކޭމްޕް ނިންމައި އެ ޓީމު ރާއްޖެއިން ފުރާނީ 5 ނޮވެމްބަރުގައެވެ.
މި ދަތުރުގައި ފަލަސްތީނުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
ކޭމްޕް އިންތިޒާމުކުރުމުގައި ސަރުކާރާއި ކ. ގުރައިދޫ ކައުންސިލުން ދެއްވި އެހީތެރިކަމަށް އެފްއޭއެމުން ނެރުނު ބަޔާނެއްގައި ޝުކުރު ދަންނަވާފައިވެއެވެ. އެ އެސޯސިއޭޝަނުން ބުނީ މި ކޭމްޕާއި އެކުވެރިކަމުގެ މެޗުތަކުން ދިވެހި ކުޅުންތެރިންނަށް ތަޖުރިބާ ލިބި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ކޮލިފައިން ނޮވެމްބަރުގައި
ފަލަސްތީނުގެ ޓީމު ކޮލިފައިން ކުޅުމަށް ދާނީ ރާއްޖެއިން ސީދާއެވެ. 27 އޮގަސްޓުގައި ކުއާލަލަމްޕޫރުގައި އޭޝިއަން ފުޓްބޯޅަ ކޯންފެޑެރޭޝަނުން ނެގި ގުރުއަތުން ފަލަސްތީނު ހިމެނުނީ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމް ހިމެނޭ އީ ގުރޫޕުގައެވެ.
ރާއްޖެ ހިމެނުނީ ތައިލެންޑް، އިރާގު، ހޮންކޮން އަދި ޗައިނީޒް ތައިޕޭ ހިމެނޭ ބީ ގުރޫޕުގައެވެ. އެ ގުރޫޕުގެ މެޗުތައް ކުޅޭނީ ތައިލެންޑްގައެވެ. ފައިނަލް މުބާރާތަށް ދާނީ ހަތް ގުރޫޕުގެ އެއްވަނަ ހޯދާ ޓީމުތައް އެކަންޏެވެ. ފައިނަލް މުބާރާތް ބާއްވާނީ 2027 ވަނަ އަހަރުގެ މެއި މަހު އުޒްބެކިސްތާނުގައެވެ.
ދެވަނަ ދަތުރު
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ފުރަތަމަ ފަހަރަށް ރާއްޖޭގައި ތަމްރީނު ކުރީ 2025 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އެއީ ފަލަސްތީނުގެ ފަރާތުން އެދުނުތަނުން، ކޭމްޕް ބާއްވައިދިނުމަށް ސަރުކާރުން ނިންމުމުންނެވެ. އެ ދަތުރަށް ސަރުކާރުން ގާތްގަނޑަކަށް 546,000 ރުފިޔާ ހަވާލުކުރި ކަމަށް ކުޅިވަރު ވުޒާރާއިން އެ ދުވަސްވަރު ބުނެފައިވެއެވެ.
އެ ދަތުރުގައި ދެ ޓީމު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ. އަދި 2025 ވަނަ އަހަރުގެ 18 ނޮވެމްބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ޓީމުގެ ޝަރަފުގައި މެންދުރުގެ ކެއުމެއް ބާއްވަވާފައިވެއެވެ.