ދުނިޔޭގެ ފެންތިލަ ކަނޑުގައިވާ ގާތްގަނޑަކަށް ހުރިހާ މުރަކަ ފަރެއް 2075 ވަނަ އަހަރާ ހަމައަށް ހަލާކުވުމުގެ ވަރަށް ބޮޑު ނުރައްކަލެއް އެބައޮތްކަމަށް އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އިން 22 އޮކްޓޫބަރުގައި ބުނެފިއެވެ. މި ބަޔާން ނެރުނީ، ރެޑް ލިސްޓް އޮފް އީކޯސިސްޓަމްސްގެ ދަށުން މުރަކަ ފަރުތަކާ ބެހޭގޮތުން ހެދި ފުރަތަމަ ގްލޯބަލް ދިރާސާ ޝާއިޢުކުރުމާއެކުގައެވެ.
މި ދިރާސާގައި ހިމެނުނު ހޫނު ސަރަހައްދުތަކުގެ 127 ފަރު ސަރަހައްދުގެ ތެރެއިން 122، ނުވަތަ 96 ޕަސެންޓް ވަނީ "ކްރިޓިކަލީ އެންޑޭންޖަރޑް" ނުވަތަ އެންމެ މަތީ ނުރައްކާގެ ދަރަޖައަށް ކަނޑައަޅާފައެވެ. ދިރާސާކުރި 188,362 އަކަ ކިލޯމީޓަރުގެ ފަރުގެ 99.8 ޕަސެންޓް ހިމެނެނީ މި ސަރަހައްދުތަކުގައެވެ.
ނަމަވެސް މި ދަރަޖައަށް ކަނޑައެޅުމަކީ ފަރުތައް ހަލާކުވެފައިވާ ކަމުގެ މާނައެއް ނޫންކަމަށް އައި.ޔޫ.ސީ.އެން އިން ބުނެއެވެ. ގިނަ ފަރުތަކުގައި މިހާރުވެސް ދިރޭ މުރަކަ ހުރިއިރު، މިހާރު ފިޔަވަޅު އަޅައިފިނަމަ އެ ފަރުތައް އަލުން ރަނގަޅުވެދާނެކަމަށް ޖަމްޢިއްޔާއިން ބުނެއެވެ.
ފަރެއް ހަލާކުވުމަކީ
އައި.ޔޫ.ސީ.އެން އިން ބުނާ ގޮތުގައި ފަރެއް ހަލާކުވަނީ، ފަރުގެ ދިރޭ ބިންގާ ބިނާކުރާ ހަރު މުރަކަ ގާތްގަނޑަކަށް ނެތިގޮސް، އެތަނުގައި އަލްޖީ، މުރަކައިގެ ކޮޅުކޮޅު އަދި ސްޕޮންޖް ފެތުރުމުންނެވެ. އޭގެ ނަތީޖާއަކަށް ވަނީ ކަނޑުގެ ތަފާތު ދިރުންތަކަށް ދިރިއުޅެވޭނެ ތަނަކަށް އެ ފަރު ނުވުމެވެ.
ހަލާކުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ވެސްޓަން ގަލަޕަގޯސް ރަށްތަކުގެ ފަރު ސަރަހައްދެވެ. އެ ސަރަހައްދު ހަލާކުވީ 1982 އާއި 1983 ގެ އެލް ނީނިޔޯއާއެކުގައެވެ. އިތުރު ހަތަރު ސަރަހައްދެއްގެ މަޢުލޫމާތު ފުރިހަމަ ދިރާސާއަކަށް ފުދޭވަރަށް ނެތެވެ.
މޫސުމީ ބަދަލުގެ ސަބަބުން ކަނޑުގެ ފެން ހޫނުވުމަކީ ފަރުތަކަށް އެންމެ ފުޅާކޮށް ކުރިމަތިވާ ނުރައްކަލެވެ. ކަނޑުގައި ދިމާވާ ހޫނު މޫސުމުގެ ސަބަބުން މުރަކަ ހުދުވާ ހާދިސާތައް ކުރިއަށްވުރެ ގިނައިން ހިނގަމުންދާކަމަށް އައި.ޔޫ.ސީ.އެން އިން ބުނެއެވެ. 96 ޕަސެންޓްގެ އަދަދު ނިކުތީ، މި ގަރުނުގެ ނިޔަލަށް ދުނިޔޭގެ ހޫނުމިން 2.7 ޑިގްރީ ސެލްސިއަސް އިތުރުވާނެކަމަށް ލަފާކުރާ އައި.ޕީ.ސީ.ސީގެ މެދުމިނުގެ ސިނާރިއޯ ބޭނުންކޮށްގެންނެވެ. ހަމައެކަނި ފާއިތުވި 50 އަހަރުގެ ބަދަލުތަކަށް ބަލާއިރު، އެންމެ މަތީ ނުރައްކާގެ ދަރަޖައަށް ވެއްޓޭނީ 24 ޕަސެންޓެވެ.
ފަރުގެ އަލްޖީ ކޮންޓްރޯލްކޮށް، ކާނާގެ ސިލްސިލާގެ ބެލެންސް ހިފަހައްޓާ ފާނަ ފަދަ މަސް ގިނައިން ބޭނުމުގެ ސަބަބުން 63 ޕަސެންޓް ފަރު ސަރަހައްދުތަކަށް ނުރައްކާވާކަމަށް އައި.ޔޫ.ސީ.އެން އިން ބުނެއެވެ. ކަނޑުއައްސޭރީގައި ކުރާ ތަރައްޤީގެ މަސައްކަތްތަކާއި ކަނޑު ނަޖިސްވުމާއި ފަރު ކައި ހަލާކުކުރާ ކަނޑުތަރި ގިނަވުމަކީވެސް ފަރުތައް ގެއްލެމުންދާ ސަބަބުތަކެވެ.
"މުރަކަ ފަރުތަކަށް އަލުން ރަނގަޅުވުމުގެ ފުރުޞަތު ދިނުމަށް އަދިވެސް ލަސްވެފައެއް ނުވޭ،" އައި.ޔޫ.ސީ.އެންގެ ޑައިރެކްޓަރ ޖެނެރަލް ގްރެތެލް އަގިލާރ ވިދާޅުވިއެވެ. އެކަމަށްޓަކައި ގްރީންހައުސް ގޭސް ބޭރުވުން ބޮޑަށް ކުޑަކޮށް، ފަރުތައް ރައްކާތެރިކުރުމާއި އަލުން ބިނާކުރުމުގެ މަސައްކަތް ވަރުގަދަކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެ
މި ދިރާސާގައި ދިވެހިރާއްޖޭގެ ފަރުތައް ބަހާލާފައިވަނީ އުތުރު، މެދު އަދި ދެކުނު ސަރަހައްދަށެވެ. އައި.ޔޫ.ސީ.އެންގެ ދެކުނު އޭޝިއާގެ ސަރަހައްދީ ޚުލާސާގައި ބުނާ ގޮތުން، ފާއިތުވި 50 އަހަރުގެ ބަދަލުތަކަށް ބަލާއިރު މި ތިން ސަރަހައްދަކީ "ވަލްނަރަބަލް" ސަރަހައްދުތަކެވެ. ނަމަވެސް ކުރިއަށް ލަފާކުރާ ކަނޑުގެ ހޫނުވުން ހިމަނާއިރު، ތިން ސަރަހައްދުވެސް ވަނީ އެންމެ މަތީ ނުރައްކާގެ ދަރަޖައަށް ކަނޑައަޅާފައެވެ.
1998 އާއި 2016 ގައި މުރަކަ ހުދުވި ހާދިސާތަކުގައި ސަރަހައްދުގެ ދިރޭ ހަރު މުރަކަ ވަރަށް ބޮޑަށް މަދުވިކަމަށް ޚުލާސާގައި ބުނެއެވެ. ހަރު މުރަކައާއި ފާނަ މަސް މަދުވުމުގެ ސަބަބުން ރާއްޖޭގެ މެދު ސަރަހައްދު ވަނީ ވަލްނަރަބަލްކަމަށް ކަނޑައަޅާފައެވެ.
80 އަށްވުރެ ގިނަ ޤައުމުތަކާއި ބިންތަކުގެ ފަރުތައް ހިމެނޭ މި ދިރާސާގައި 250 އަށްވުރެ ގިނަ މާހިރުން ބައިވެރިވިއެވެ. ދިރާސާ ކޯޑިނޭޓްކުރީ އައި.ޔޫ.ސީ.އެން، ޔުނިވަރސިޓީ އޮފް މެލްބަން އަދި ކޯޑިއޯ އީސްޓް އެފްރިކާއިން، ގްލޯބަލް ކޯރަލް ރީފް މޮނިޓަރިންގ ނެޓްވޯކުގެ ސަރަހައްދީ ނެޓްވޯކުތަކާ ގުޅިގެންނެވެ.
ރާއްޖޭގެ ހިމާޔަތްކުރާ ފަރުތަކާ ބެހޭ އަހަރެމެންގެ ގައިޑް ކިޔާލައްވާ