ރާއްޖޭގައި ކޮފީ އޮށް ހައްދާލި ފުރަތަމަ މީހާއަކީ އޭނާކަމަށް އައްޑޫ ސިޓީ ސ. މީދޫގެ ދަނޑުވެރިއަކު ބުނެފިއެވެ. އޭނާ އިންދާފައިވާ ހަތް ކޮފީ ގަހެއްގައި މިހާރު މޭވާ ހެދިފައިވެއެވެ.
"ޒުވާން ދަނޑުވެރިޔާ" ގެ ނަމުން މަޝްހޫރު، 41 އަހަރުގެ ޢަބްދުއްލާ ރަމްޒީ ބުނީ އަމިއްލަ ބިމުގައި ކޮފީ ހެއްދުމަކީ 2020 ވަނަ އަހަރުން ފެށިގެން އޭނާ ދުށް ހުވަފެނެއް ކަމަށެވެ. އޭނާ މިހާރުވެސް ފުޅާ މިންވަރަކަށް ޑްރެގަން ފްރުޓާއި ކިއުކަމްބާ ހައްދައެވެ.
ޕާކިސްތާނުން ގެނައި ކޮފީ ގަހަކުން ކުރި ފުރަތަމަ މަސައްކަތް ކާމިޔާބު ނުވީ، އެ ގަސް ރާއްޖޭގެ މާޙައުލާ ނުގުޅުމުން ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ސްރީލަންކާގެ ކޮފީ ދަނޑަކުން ކުދި ގަސްތައް ގެނައެވެ.
އަހަރުތަކެއްގެ މަސައްކަތް
ރަމްޒީ ބުނީ ފުރަތަމަ އެ ގަސްތައް ބެހެއްޓީ ބަންދު ތަނެއްގައި ކަމަށާއި، ސީދާ އަވީގައި ބެހެއްޓުނީ 2024 ވަނަ އަހަރު ކަމަށެވެ.
"ފުލް ސަންއަށް ނެރުމަށް ފަހުވެސް މަހަކު އެއްފަހަރު ވެއްޔާއި ފަސްގަނޑު ބަދަލުކޮށް ޕީއެޗް ބެލެންސް ކުރަން. މިދިޔަ އަހަރު ގަސްތަކުގައި މާ އަޅަން ފެށި،" އޭނާ ބުންޏެވެ.
ދަނޑުގައި މާބުރު ނެތުމުން މާތައް ޕޮލިނޭޓް ނުވެ ފުރަތަމަ މޭވާ ނުހެދުނު ކަމަށް ރަމްޒީ ބުންޏެވެ. އެހެންވެ ކޮފީ ގަސްތަކުގެ ކައިރީގައި މާބުރު ގަޔާވާ މާގަސް އިންދައި، އަތުންވެސް ޕޮލިނޭޓް ކުރިއެވެ. އޭގެ ފަހުން ހަތް ގަހެއްގެ މާތައް ކޮފީ ޗެރީއަށް ބަދަލުވިއެވެ.
ގާތްގަނޑަކަށް ހަ މަސް ވަންދެން ބެހެއްޓުމަށް ފަހު އެ އޮށްތައް ރޯސްޓުކޮށް، އަމިއްލަ ކޮފީގެ ރަހަ ބަލަން ރަމްޒީ ރޭވިފައިވެއެވެ. "މީހުން ބުނޭ ރާއްޖޭގެ މާޙައުލާ ގުޅޭގޮތަށް ހައްދައިފިނަމަ ރަހަ ރަނގަޅުވާނެ ކަމަށް،" އޭނާ ބުންޏެވެ.
ވިޔަފާރިއަކަށް ހެދުމުގެ ރޭވުން
މިހާރު ހުރި ކޮންމެ ގަހަކުން އިތުރު 10 ގަސް ހެއްދޭނެ ކަމަށާއި، ރާއްޖޭގައި ވިޔަފާރި ގޮތުން ކޮފީ ހެއްދޭތޯ ބެލުމަކީ އޭނާގެ ދެން އޮތް އަމާޒު ކަމަށް ރަމްޒީ ބުންޏެވެ.