ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ އާމްދަނީ 2025 ވަނަ އަހަރު ގާތްގަނޑަކަށް ތިން ގުނަ ވެ، އަހަރީ ގެއްލުން ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދަށްވެފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކުރި އޮޑިޓް ރިޕޯޓުން ދައްކައެވެ.
21 އޮކްޓޫބަރުގެ ތާރީޚުގައިވާ މި ރިޕޯޓުގައިވާ ގޮތުން، ކުންފުނީގެ އާމްދަނީ 2024 ވަނަ އަހަރު 33 މިލިއަން ރުފިޔާ ކަމުގައި ވާއިރު، 2025 ވަނަ އަހަރު އެ އަދަދު 94.4 މިލިއަނަށް އަރައިފައިވެއެވެ. މީގެ ސަބަބުން އާމްދަނީ 61.3 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަހަރު ތެރޭ ކުންފުންޏަށް 68.7 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، ކުރީ އަހަރު ވި ގެއްލުމަކީ 78.7 މިލިއަން ރުފިޔާއެވެ.
އާމްދަނީ އިތުރުވީ ޖެޓް ފިއުލުން
އާމްދަނީ އިތުރުވި ބޮޑު ބައެއް އައީ ޖެޓް ފިއުލް ވިއްކުމުންނެވެ. 2024 ވަނަ އަހަރު ތެލުން ލިބުނީ 13.6 މިލިއަން ރުފިޔާ ކަމުގައި ވާއިރު، 2025 ވަނަ އަހަރު ލިބިފައިވަނީ 72.9 މިލިއަން ރުފިޔާއެވެ. ގްރައުންޑް ހޭންޑްލިންގ ފީގެ ގޮތުގައި 9.6 މިލިއަން ރުފިޔާ އާއި، ލޭންޑިންގ ފީގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތެލުގެ ވިޔަފާރި ބޮޑުވުމާއެކު ޚަރަދުވެސް އިތުރުވެފައިވެއެވެ. ހިންގުމުގެ ޚަރަދު 55 މިލިއަން ރުފިޔާއިން 112.6 މިލިއަނަށް އަރައިފައިވާއިރު، އޭގެ ތެރެއިން 66.6 މިލިއަން ރުފިޔާ ޚަރަދުވެފައިވަނީ ޖެޓް ފިއުލް ގަތުމަށެވެ. މުވައްޒަފުންގެ ޚަރަދު 47.7 މިލިއަނުން 46.2 މިލިއަން ރުފިޔާއަށް މަދުވެފައިވާއިރު، އޭގެ ތެރޭގައި މުސާރައަށް 22.2 މިލިއަން ރުފިޔާ އާއި އެލަވަންސްތަކަށް 22 މިލިއަން ރުފިޔާ ހިމެނެއެވެ.
އެޑްވާސް އޮޕީނިއަން
ހާލަތު ރަނގަޅުވި ނަމަވެސް، 2025 ވަނަ އަހަރު ނިމުނުއިރު ކުންފުނީގެ ޖުމްލަ ގެއްލުން 817.5 މިލިއަން ރުފިޔާއަށް އަރައި، ކުންފުނީގެ ނެޓް އެސެޓްސް 58.2 މިލިއަން ރުފިޔާއިން ނެގެޓިވް ވެފައިވެއެވެ. ކުންފުނީގެ ކަރަންޓް ލަޔަބިލިޓީޒް، ކަރަންޓް އެސެޓްސްއަށް ވުރެ 312.8 މިލިއަން ރުފިޔާ ބޮޑުވާއިރު، މިއީ ކުންފުނި ކުރިއަށް ގެންދެވޭނެ މިންވަރާ މެދު ސުވާލު އުފެދޭ ހާލަތެއް ކަމަށް މާލީ ބަޔާންތަކުގައި ބުނެފައިވެއެވެ.
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ މާލީ ބަޔާންތަކުން ކުންފުނީގެ ތެދު އަދި އިންސާފުވެރި ހާލަތު ނުދައްކާ ކަމަށް ބުނެ، އެޑްވާސް އޮޕީނިއަނެއް ދީފައެވެ. 449.7 މިލިއަން ރުފިޔާގެ އަގު ކަނޑައަޅާފައިވާ އެއާޕޯޓުގެ މުދަލަށް ގެއްލުމެއް ވެފައިވޭތޯ ކުންފުނިން ބަލާފައި ނުވާކަމަށާއި، މުވައްޒަފުން ވަކިކުރުމުގެ ފައިދާ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހިސާބުތަކުގައި ނުހިމަނާކަމަށާއި، ގަން އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ރެކޯޑް ނުކުރާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކުންފުނީގެ 70 އިންސައްތަ ހިއްސާ ވެރިވާ ސަރުކާރާއި 30 އިންސައްތަ ހިއްސާ ވެރިވާ ކާސާ ހޯލްޑިންގްސްއިން ކުންފުންޏަށް މާލީ އެހީ ދެމުން ގެންދާނެ ކަމަށް ލިޔުމުން ކަށަވަރުކޮށްދީފައިވާކަމަށް މާލީ ބަޔާންތަކުގައި ބުނެފައިވެއެވެ.