އިސްރާއީލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު މައްސަލައާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހައްޔަރުކޮށްފައި ތިބި ދެ ދިވެހި ކޯ-ޕައިލެޓުން ޑީޕޯޓުކޮށް، ހުކުރު ދުވަހުގެ ހެނދުނު ރާއްޖެ ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ، އެ ދެ މީހުންނާ ސުވާލުކުރުމަށް ފުލުހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވާ ކަމަށެވެ.

"އަދި ހައްޔަރެއް ނުކުރަން،" ޝިޔާމް ވިދާޅުވިއެވެ. "ސުވާލުކޮށް، ސާފުކުރަން ޖެހޭ މައުލޫމާތު ސާފުކުރަމުން މި ދަނީ."

މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، ދައުވާއެއް ވެސް ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ފިޔަވަޅެއް އަޅާނެތޯ ނިންމާނީ ފަހުންނެވެ.

އެ ދެ މީހުންނަކީ ދުބާއީގެ ފްލައިދުބާއީ އެއާލައިންގައި މަސައްކަތްކުރާ ކޯ-ޕައިލެޓުންނެވެ. އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އެ މީހުން ތިބީ ޔޫއޭއީގައި ހައްޔަރުކޮށްފައެވެ.

އެ މައްސަލަ ގުޅިފައިވަނީ ސެޕްޓެމްބަރު 30 ގައި ދުބާއީން ތެލްއަވީވަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓް FZ1073 ހައިޖެކްކުރަން އުޅުނު ހާދިސާއާއެވެ.

އެ ފްލައިޓުގެ އޮމާނުގެ ކޯ-ޕައިލެޓް ހަމާމް އަލް ހައްމާމީ، ވައިގެ ތެރޭގައި ކްރޭޝް ހެމަރަކުން ކެޕްޓަނަށް ހަމަލާދިން ކަމަށް އެ ހާދިސާއާ ބެހޭ ރިޕޯޓުތަކުން ބުނެއެވެ. ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން، ކްރޫއިންނާއި ފަސިންޖަރުން ވެގެން އޭނާ ހިފަހައްޓައި، ފްލައިޓުގެ ކޮންޓްރޯލް އަލުން ހޯދިއެވެ.

170 އަށްވުރެ ގިނަ ފަސިންޖަރުންނާއި ކްރޫއިން ތިބި އެ ފްލައިޓް ކުއްލި ހާލަތުގައި ޖެއްސީ ސައުދީ އަރަބިއްޔާގެ ތަބޫކުގައި ހުންނަ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އެއާޕޯޓުގައެވެ. ފަސިންޖަރުންގެ ތެރޭގައި ގިނަ އަދަދެއްގެ އިސްރާއީލު މީހުން ތިއްބެވެ.

ދެ ދިވެހިން ވެސް ދިރިއުޅުނީ އަލް ހައްމާމީ ދިރިއުޅުނު އެޕާޓްމަންޓް ކޮމްޕްލެކްސްގައެވެ. އަދި އެ ދެ މީހުން ވެސް ގަވާއިދުން އިސްރާއީލަށް ފްލައިދުބާއީގެ ދަތުރުތައް ކުރެއެވެ.

އެ ހާދިސާއާ އެ ދެ މީހުންނާ އޮތް ގުޅުމެއް އަދި ސާފެއް ނުވެއެވެ. އަދި އެއިން މީހެއްގެ ނަން އާންމުކޮށްފައެއް ނުވެއެވެ.

އެ މީހުން ފުރަތަމަ ހައްޔަރުކުރި އިރު ފޮރިން މިނިސްޓްރީން ބުނީ، އެ މައްސަލަ އޮތީ އެހެން ގައުމެއްގެ ގާނޫނުގެ ދަށުން ކަމަށްވާތީ މައުލޫމާތު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.