ރަށެއްގައި ބޮޑުވި ދިވެހިއަކާ މަދޮށިގެ ވާހަކަ ދައްކައިފި ނަމަ، އެންމެ ފުރަތަމަ ހަނދާންވާނީ އޭގެ އޮށެވެ. ކުޅިވަރަށް އަތްތިލަ ފުރާލައިގެން ހޯދާ ކުދިކުދި، ދިއްލާ، ގަދަ ރަތް އޮށްތަކެވެ. ސައިންސުގައި Adenanthera pavonina ކަމަށް ކިޔާ މި ގަހަކީ ރާއްޖޭގެ މުހިންމު ލަކުޑި ގަހެއް ވެސް މެއެވެ.

އިނގިރޭސިން ރެޑް ބީޑް ޓްރީ ނުވަތަ ކޯރަލް ވުޑް ކަމަށް ކިޔާ މަދޮށިއަކީ ރާއްޖޭގައި ގިނައިން ފެންނަ ގަހެކެވެ. މި ގަސް ހެދެނީ ބޮޑެތި ރަށްރަށުގެ ގަދަ ވަޅުތަކުގެ ތެރޭގައްޔާއި، ރުއްވަޅުތަކުގެ ތެރޭގައެވެ. ބައެއް ފަހަރު ދިއްގާ (Hibiscus tiliaceus) ގަސްތަކުގެ ތެރޭގައި ވެސް މަދޮށި ހެދެއެވެ.

ދޯނި ހެދުމަށް ލަކުޑި

މަދޮށި ލަކުޑިއަކީ ހަރު، ވަރުގަދަ، ރަތްކުލަ ޖެހޭ، ދެމެހެއްޓޭ ލަކުޑިއެކެވެ. ރާއްޖޭގައި ދޯނީގެ ކޮންމެ ބައެއް ހެދުމަށް ވެސް މި ލަކުޑި ބޭނުންކޮށްފައިވާއިރު، އާންމު ވަޑާން މަސައްކަތުގައި ވެސް ބޭނުންކުރެއެވެ.

ކުޑަކުދިން މަދޮށި އޮށް ހޯދަނީ އޮއްވަޅުގޮނޑި އާއި ތިންހަމަ ފަދަ ދިވެހި ކުޅިވަރުތައް ކުޅުމަށެވެ. ކުރީ ޒަމާނުގައި ރަން ކިރުމަށް މި އޮށް ބޭނުންކުރި ކަމަށް މުސްކުޅިން ބުނެއެވެ. އެއީ ކޮންމެ އޮށެއްގެ ބަރުދަން ގާތްގަނޑަކަށް ގްރާމެއްގެ ހަތަރުބައިކުޅަ އެއްބައިއާ އެއްވަރު ކަމަށް ގަބޫލުކުރެވުނު ސަބަބުންނެވެ. ނަމަވެސް ބޭރުގައި ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، އޮށުގެ ބަރުދަނުގައި ބުނާ ވަރަށްވުރެ ބޮޑު ތަފާތުތަކެއް ހުރެއެވެ.

ތުއްތު ފަތް ތަރުކާރީގެ ގޮތުގައި ކައެވެ. އޮށް ފިހެގެން ކާއިރު، ފިހި އޮށް ހުޅިކޮށްގެން ކޮފީ ފަދަ ބުއިމެއް ވެސް ހަދައެވެ. ނުފިހޭ ކަނޑު އޮށް ވިހަ ވާތީ، ބަލިވެދާނެއެވެ. އެހެންކަމުން ކަނޑު އޮށް ދުވަހަކުވެސް ނުކާން ޖެހެއެވެ. ތޮށްޓެއްގެ ތެރޭގައި އޮށް ހެދޭ ގަސްގަހުގެ ގިނަ ބަޔެއް ފަދައިން، މަދޮށި ގަހުން ވެސް ބިމަށް ނައިޓްރޮޖަން އިތުރުކޮށްދެއެވެ.

މަދޮށި ވަކިކޮށް އެނގޭނެ ގޮތް

މަދޮށިއަކީ މޫސުމާ ގުޅިގެން ފަތް ވެއްޓޭ، މެދުމިނުން ފެށިގެން ބޮޑު ގަހެކެވެ. މި ގަސް ގާތްގަނޑަކަށް 20 މީޓަރާ ހަމައަށް އުސްވެއެވެ. ގިނަ ފަހަރު ގަސްގަނޑު އެކަކަށްވުރެ ގިނައެވެ. ބޯ ހުންނަނީ ފުޅާކޮށް ހަމަނުހަމަކޮށެވެ. ފޮތި ހުންނަނީ ދޮންކުލައަށް ނުވަތަ އަޅިކުލައަށެވެ. ބައެއް ތަންތަން ފަޅައިގެން ހުރި ނަމަވެސް ފޮތި ހުންނަނީ ހަމަކޮށެވެ. ގިނަ ފަހަރު ފޮތީގައި ލައިކެން ވެސް ހުރެއެވެ.

ފަތް ހެދިފައިވަނީ ފަނޑު ފެހިކުލައިގެ، ބިހުގެ ސިފައިގެ ކުދިކުދި ފަތްކޮޅުތަކަކުންނެވެ. ފަތް މުސްކުޅިވާ ވަރަކަށް ރީނދޫވެއެވެ. ކުދި، ވަސްގަދަ، ތަރީގެ ސިފައިގެ ރީނދޫ މާތައް ފޮޅެނީ ހިމަ ދިގު ދަނޑިތަކެއްގައެވެ. އެ ދަނޑިތައް ފެންނަނީ މީދާގެ ނިގޫއެއް ފަދައިންނެވެ.

މޭވާއަކީ ދިގު، ކުޑަކޮށް ބުރިވެފައިވާ ތޮށްޓެކެވެ. އޮށްތަކުގެ ދެމެދުން ތޮށި ކުޑަކޮށް ހިމަވެފައިވެއެވެ. ފިހުމުން ތޮށި ކަޅުވެ، ހިކި އަނބުރިގެން ހުޅުވި، ތެރޭގައިވާ 8 އާއި 12 އާ ދެމެދުގެ އޮށް ފެނެއެވެ. ކޮންމެ އޮށެއް ގާތްގަނޑަކަށް 9 މިލިމީޓަރު ފުޅާވެ، ދިއްލާ ރަތްކުލައިގައި، ވަރަށް ހަރުކޮށް ހުރެއެވެ. ހުޅުވިފައިވާ ތޮށިތައް ގިނަ ދުވަސްވަންދެން ގަހުގައި ހަރުލެވިފައި ހުރެއެވެ.

މަދޮށި ހެއްދޭނެ ގޮތް

ފުން، ފެން ފައިބާ ބިމުގައްޔާއި، ތިލަ ހިލަގިނަ ބިމުގައި ވެސް މަދޮށި ހެދެއެވެ. ނަމަވެސް އެންމެ ރަނގަޅަށް ހެދެނީ ނިއުޓްރަލް ނުވަތަ ކުޑަކޮށް އެސިޑް ހުރި ބިމުގައެވެ. ތެތްކަން ބޮޑު ވަޅުތަކުގައި އަވަހަށް ފެތުރި ގަދަ ވަޅުތަކަކަށް ވެއެވެ. އެފަދަ ތަންތަނުގައި ގަސްގަނޑު ވަރަށް ސީދާކޮށް އުސްވެއެވެ.

މަދޮށި ހެއްދެނީ އޮށުންނެވެ. އޮށުގެ ތޮށި ވަރަށް ހަރު ވާތީ، ތޮށި ކުޑަކޮށް ކަހާލުމެއް ނުވަތަ ކެކި ފެނުގައި އެއް މިނެޓު ވަރަކަށް ލުމެއް ނުކޮށް އިންދައިފިނަމަ، އޮށް ފެޅުމަށް އަހަރެއްހާ ދުވަސް ނަގައިފާނެއެވެ. ނަރުސަރީގައި ހައްދާ ކުޑަ ގަސްތައް ބަދަލުކޮށް އިންދުމުން ރަނގަޅަށް ހެދޭއިރު، ފުރަތަމަ އަހަރަށްފަހު ގަސް އަވަހަށް ބޮޑުވެއެވެ.

މަދޮށި ހިމެނެނީ ތޮށްޓެއްގެ ތެރޭގައި އޮށް ހެދޭ ގަސްގަހުގެ އާއިލާ ކަމަށްވާ Fabaceae އަށެވެ. މި ގަސް އަމިއްލައަށް ހެދެނީ އޭޝިއާގެ ހޫނު ސަރަހައްދުތަކުގައެވެ.