ދިފާޢީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2022 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން ގޭސް ލީކުވުމުގެ 442 ހާދިސާ ރިޕޯޓުކުރެވިފައިވެއެވެ. އޭގެ ތެރެއިން 74 ހާދިސާ ހިނގީ މި އަހަރެވެ.

މި މަޢުލޫމާތު ހާމަކުރީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު ސުވާލުތަކަށް، 26 އޮކްޓޫބަރު، އާދިއްތަ ދުވަހު ވުޒާރާއިން ލިޔުމުން ދިން ޖަވާބުގައެވެ.

ވުޒާރާއިން ބުނީ އެ މުއްދަތުގައި ގޭސްފުޅި ގޮވައިގެން 28 ހާދިސާ އަދި ގޭސްފުޅީގައި ރޯވެގެން 21 ހާދިސާ ހިނގާފައިވާ ކަމަށެވެ. މި ހާދިސާތަކުގައި 40 މީހަކަށް އަނިޔާވެފައިވާއިރު، ފަސް މީހަކު މަރުވެފައިވެއެވެ.

ގޭސް ލީކުވާ ސަބަބުތައް

ވުޒާރާއިން ބުނީ އެންމެ ގިނައިން ގޭސް ލީކުވެފައިވަނީ ގޭސްފުޅީގެ ތުނބާއި ޕެކިން ހަލާކުވުމާއި، ފުޅިއާ ގުޅާފައިވާ ކައްކާ އުނދުނުގައި މައްސަލަ ހުރުމުގެ ސަބަބުން ކަމަށެވެ.

ވުޒާރާއިން ބުނީ ގޭސްފުޅިތަކުގައި އާއްމުކޮށް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ. ނަމަވެސް ގެއަށް ގެންނަ ބައެއް ފުޅިތަކުގެ ޕިން ތާށިވެފައި ހުރުމުން ގޭސް ލީކުވާ ކަމަށާއި، މާލެ ސަރަހައްދުގައި ފާހަގަކުރެވޭ މައިގަނޑު ކަމަކީ ގެއަށް ގެންނަ ފުޅިތަކަކީ ރައްކާތެރި ފުޅިތަކެއްތޯ ފިޒިކަލީ ޗެކް ނުކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ފާހަގަކުރީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގަވާއިދުން ގޭސް ހޮޅި ޗެކް ނުކުރުމާއި، އަމިއްލައަށް ބަދަލުތައް ގެނެސްފައިވާ އުނދުން ބޭނުންކުރުމުން ގިނަ ހާދިސާތައް ދިމާވާ ކަމަށެވެ.

ވުޒާރާގެ ލަފާ

ވުޒާރާއިން ލަފާދީފައިވަނީ ގޭހުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިތަކަށް ޚާއްޞަ ގައިޑްލައިންތަކެއް އެކުލަވާލައި، ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ގޭސްފުޅިއާއި ހޮޅިތައް ހުންނަނީ ރައްކާތެރިކޮށްތޯ ގަވާއިދުން އިންސްޕެކްޓްކުރުމަށެވެ.

ގޭސް ވިއްކާ ފަރާތްތަކުން ގޭގެއަށް ފުޅި ޑެލިވަރީކުރާއިރު ރެގިއުލޭޓަރާއި ހޮޅީގެ ހާލަތު ބަލައި ކަސްޓަމަރުންނަށް އިރުޝާދުދިނުން ލާޒިމްކުރުމަށް ވެސް ވުޒާރާއިން ލަފާދީފައިވެއެވެ. އަދި ގޭގޭގައާއި ވިޔަފާރިތަކުގައި ގޭސް ޑިޓެކްޓަރު ހަރުކުރުމާއި، ވިއްކާ ހޮޅިއާއި ރެގިއުލޭޓަރުތަކަކީ ފެންވަރު ރަނގަޅު ތަކެތި ކަމުގައި ހެދުމަށް ވެސް ވުޒާރާއިން ގޮވާލާފައިވެއެވެ.

ގޭސް ލީކުވާކަން ފާހަގަކުރެވިއްޖެނަމަ ވުޒާރާއިން ދީފައިވާ އިރުޝާދުތަކަކީ:

  • އަލިފާން ނުވަތަ ކަނި ކަނޑާ އެއްވެސް އެއްޗެއް ބޭނުން ނުކުރުން

  • ކަރަންޓުގެ އެއްވެސް ސްވިޗެއް ޖެއްސުމާއި ނިއްވުމުން ދުރުވެހުރުން

  • ވައި ދައުރުވާނެ ގޮތަށް ހުރިހާ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވުން

އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަޔަރ އެންޑް ރެސްކިއު ސަރވިސް ހިމެނޭ އެމްއެންޑީއެފް ހިނގަނީ ދިފާޢީ ވުޒާރާގެ ދަށުންނެވެ.