ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކްގެ ފަރުވާއަށް މީހަކު މާލޭގައި ހުންނަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެނެވޭ ކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

މި އަދަދު ހާމަކޮށްދެއްވީ، 29 އޮކްޓޫބަރުގައި ފާހަގަކުރާ ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން، އައިޖީއެމްއެޗުގެ ސޯޝަލް މީޑިއާގައި ޝާއިޢުކުރި ހޭލުންތެރިކުރުމުގެ ވީޑިއޯއެއްގައި، އެ ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމެވެ. މި އަދަދު ހިސާބުކުރި މުއްދަތާއި، ބަލިމީހުންގެ އުމުރުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

މޯލްޑިވްސް ނާއުން ހިސާބުކުރި ގޮތުން، މި މިންވަރުން ބަލާއިރު، ޤައުމުގެ މައި ރެފަރަލް ހޮސްޕިޓަލަށް މަހަކު ގާތްގަނޑަކަށް 45 މީހުން، އަދި އަހަރަކު ގާތްގަނޑަކަށް 550 މީހުން ސްޓްރޯކްގެ ފަރުވާއަށް ގެނެވެއެވެ.

ގިނަ ސްޓްރޯކްތައް ހުއްޓުވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި ލޭގެ ޕްރެޝަރާއި ލޭގައި ހުންނަ ޝުގަރު ގަވާއިދުން ޗެކްކޮށް، ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަޒަންކޮށްލުމަށް ހޮސްޕިޓަލުން އާންމުންނަށް ގޮވާލައިފިއެވެ.

އާޓިފިޝަލް ބީޗުގައި ހިލޭ ސްކްރީނިންގ

ދުނިޔޭގެ ސްޓްރޯކް ދުވަސް ފާހަގަކުރުމުގެ ގޮތުން، 30 އޮކްޓޫބަރު، ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގެ އާޓިފިޝަލް ބީޗުގައި ހޮސްޕިޓަލުން ހިލޭ ސްކްރީނިންގ ހަދައި، ސްޓްރޯކްގެ ނުރައްކާ ވަޒަންކޮށްދިނެވެ.

ސްޓްރޯކްގެ އަލާމާތްތައް

ސްޓްރޯކް ދެނެގަތުމަށް ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަނުން ބޭނުންކުރަނީ ފާސްޓް (FAST) ޓެސްޓެވެ. އެއީ މޫނު އެއްފަރާތަށް ލެނބުން ނުވަތަ ބާރުދެރަވުން، އަތުގައި ބާރުނެތުން، ވާހަކަދެއްކުމަށް އުނދަގޫވުން، އަދި ވަގުތުން އިމަރޖެންސީ އެހީއަށް ގުޅުމެވެ.

ސްޓްރޯކްގެ ފަރުވާގައި ވަގުތަކީ ވަރަށް މުހިއްމު ކަމެކެވެ. ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަނުން ބުނާ ގޮތުގައި، ލޭ ކޮޅުވުމުން ޖެހޭ ސްޓްރޯކްގެ ގިނަ ބަލިމީހުންނަށް، އަލާމާތްތައް ފެނިގެން 4.5 ގަޑިއިރު ތެރޭގައި ލޭ ކޮޅު ވިރުވާ ފަރުވާ ދެވޭނެއެވެ. އެ ފަރުވާ ދެވޭ ވަރަކަށް އަވަސްވާނަމަ، ލިބޭ ފައިދާ ބޮޑުވެއެވެ. ދިވެހިރާއްޖޭގައި ކަމެއް ދިމާވެއްޖެނަމަ ގުޅާނީ ޤައުމީ އިމަޖެންސީ ނަންބަރު 911 އަށެވެ. އެމްބިއުލާންސަށް 102 އަށްވެސް ގުޅޭނެއެވެ.

ސްޓްރޯކް ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ލޭގެ ޕްރެޝަރު މަތިވުން ކަމަށް ދުނިޔޭގެ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެއެވެ. 25 އަހަރުން މަތީގެ ކޮންމެ ހަތަރު މީހަކުން އެކަކަށް އުމުރުގެ ތެރޭގައި ސްޓްރޯކް ޖެހޭ ކަމަށް ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަނުން ބުނެއެވެ.