ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 1 ނޮވެންބަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރާއްޖެއިން ބޭރުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ވިދާޅުވީ 24 އޮކްޓޫބަރު ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި މޯލްޑިވްސް އެކްސްޕޯ 2026 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ނޮވެންބަރުން ފެށިގެން 2027 ވަނަ އަހަރުގެ ޖަނަވަރީއާ ހަމައަށް މި ލުއިތައް ތަޢާރަފުކުރެވޭނެ ކަމަށެވެ.

ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރު

ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް، ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ކަމަށެވެ. މި އިންތިޒާމު ހަމަޖައްސަނީ ބީއެމްއެލްއާއި، އިޤްތިޞާދީ ތަރައްޤީއާއި ޓްރާންސްޕޯޓާއި ވިޔަފާރީގެ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

މިގޮތުން ލިބޭ ޑޮލަރު، ކާޑު ބޭނުންކޮށްގެނާއި ރެމިޓެންސްގެ ޒަރީޢާއިން ބޭރުން މުދަލާއި ޚިދުމަތް ގަތުމަށް ބޭނުންކުރެވޭނެ ކަމަށާއި، ވިޔަފާރިތަކުން ބޭނުންކުރާ ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފަދަ ފައިސާ ދެއްކުމުގެ އިންތިޒާމު ވެސް 1 ނޮވެންބަރުން ފެށިގެން ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ބޭރުން ފައިސާ ލިބިގަތުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަވެފައިވާ ކަމަށާއި، އެ ހުރަސްތައް ނައްތާލުމުގެ މަސައްކަތް މިހާރު ތައްޔާރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޓެކްސް، ޖީއެސްޓީ އަދި ޑިއުޓީއަށް ލުއި

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ ފައިސާ، އެ ވިޔަފާރިތަކުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސާ އަޅައި ކަނޑައި އޮފްސެޓްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ދައްކަން ޖެހޭ ޓެކްސް، ސަރުކާރުން ދޭން އޮތް އަދަދަށް ވުރެ ކުޑަނަމަ ބާކީ ބައި ސަރުކާރުން ދޭނެއެވެ. ޓެކްސް ބޮޑުނަމަ ވިޔަފާރިން ދައްކަން ޖެހޭނީ ބާކީ ބައި އެކަންޏެވެ.

ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަން ޖެހޭ އަހަރީ ތްރެޝްހޯލްޑް، މިހާރު އޮންނަ 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް 1 ޖަނަވަރީން ފެށިގެން މަތިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، ތައްޔާރުކުރާ ލިސްޓެއްގައިވާ ރޯ މެޓީރިއަލްސްއަށް 1 ޖަނަވަރީ 2027 ން ފެށިގެން ފަސް އަހަރު ދުވަހަށް ސުން އިންސައްތަ އިމްޕޯޓް ޑިއުޓީ ނަގާނެއެވެ. މީގެ ބޭނުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ، ފުރަތަމަ އެސްއެމްއީ ޒޯނެއްގެ ގޮތުގައި 1 ޖަނަވަރީން ފެށިގެން ތިން އަހަރުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ކަނޑައަޅާނެއެވެ. އައްޑޫގައި ޤާއިމުވެގެން ވިޔަފާރިކުރާ ފަރާތްތަކަށް ފުރަތަމަ އަހަރު ސަރުކާރުގެ ބިމުގެ ކުލި ދައްކަން ނުޖެހޭނެ ކަމަށާއި، ބިޒްނަސް ޕްރޮފިޓް ޓެކްސް ނުވަތަ އިންކަމް ޓެކްސް މާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަހަރީ ފީއަށް ލުއިދޭ ކޯޓާގެ އަދަދު 20 އިން 30 އަށް މަތިވެ، ވިޔަފާރީގެ ބޭނުމަށް ގެންނަ ވެހިކަލްތަކުގެ އަހަރީ ފީ ވެސް ދައްކަން ނުޖެހޭނެއެވެ. ތަފްޞީލުތައް އިޤްތިޞާދީ ވުޒާރާއިން އިޢުލާނުކުރާނެ ކަމަށާއި، މި ނަމޫނާ އެހެން ސަރަޙައްދުތަކުގައި ވެސް ތަކުރާރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި އަހަރު ބީއެމްއެލްއާއި އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް 1,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. 15 ޖުލައިގައި ފެށި ޔޫތް އޮންޓްރަޕްރެނަރޝިޕް ފައިނޭންސިންގ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 3,000 އަށް ވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނު ދޫކޮށްފައިވާއިރު، ދެވަނަ ބުރު 1 ނޮވެންބަރުގައި ފަށާނެއެވެ.

އިޤްތިޞާދީ ވުޒާރާއާއި ބީސީސީ ގުޅިގެން ބާއްވާ މޯލްޑިވްސް އެކްސްޕޯ 2026، 25 އޮކްޓޫބަރުގައި ރައީސް ހުޅުއްވައިދެއްވިއެވެ. ނުވަ ދުވަހުގެ މި މައުރަޒު ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.