ރަސްމާލެ މަޝްރޫއުން ދައުލަތަށް ލިބޭ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ)، ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ފަޅަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ އަށް ގުނަ ގިނަވާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުއްލާ މުއްތަލިބު 24 އޮކްޓޫބަރުގައި ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމްގައި ގެސްޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ރަސްމާލެއިން އަހަރަކު ގާތްގަނޑަކަށް 340 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށެވެ. އެއީ ކޮންމެ ހެކްޓަރަކުން އަހަރަކު ގާތްގަނޑަކަށް 680,000 ޑޮލަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޓޫރިޒަމް ޤާނޫނުގެ ދަށުން ރިސޯޓަކުން 99 އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 75 މިލިއަން ޑޮލަރާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަސްމާލޭގެ މޮޑެލްގެ ދަށުން 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިއްކާނީ ލީސްހޯލްޑް އުސޫލުން

ރަސްމާލޭގެ ބިންތަކާއި އިމާރާތްތައް ވިއްކާނީ ދިވެހި ޤާނޫނުތަކާ އެއްގޮތަށް، 99 އަހަރާ ހަމައަށް ލީސްހޯލްޑް އުސޫލުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން އުފައްދާ 500 ހެކްޓަރުގެ ބިމުގައި 8,800 ޕްރޮޕަޓީ ތަރައްގީކުރާނެއެވެ.

އެ ބިން ތަރައްގީކުރުމަށް އެމިރޭޓްސްގެ އީގަލް ހިލްސްއާއެކު ޤާނޫނީ އެއްބަސްވުމުގައި ސޮއިކުރީ 21 ސެޕްޓެމްބަރުގައެވެ. އެ ކުންފުނިން މި މަޝްރޫއު ހުށަހަޅަމުން ގެންދަނީ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ"ގެ ނަމުގައެވެ. އެއްބަސްވުމުގެ ދަށުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އަގު ހުރި 5,000 ހައުސިން ޔުނިޓް ދައުލަތަށް ކުރިއްސުރެ ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޑިވެލޮޕަރަށް ލިބޭ އާމްދަނީގެ 10 ޕަސެންޓް، ނުވަތަ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ވެސް ދައުލަތަށް ލިބޭނެ ކަމަށާއި، މި މަޝްރޫއު ޓެކްސުން އިސްތިސްނާ ނުކުރާނެ ކަމަށް ރައީސް އޮފީހުން ވެސް ބުނެފައިވެއެވެ.

ވިޔަފާރީގެ ފުރުސަތުތަކާއި ރިސޯޓުތަކުގެ ރައްކާތެރިކަން

ރަސްމާލޭގައި ދެ ބާވަތެއްގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެއީ ސާފުކުރުމާއި މެއިންޓެނަންސް، ޕްރޮޕަޓީ މެނޭޖްމަންޓް، ކާބޯތަކެތި، ރީޓެއިލް އަދި ރެސްޓޯރަންޓް ފަދަ ޚިދުމަތްތަކާއި، އެކައުންޓިންގް ހިމެނޭ މާލީ އަދި ޕްރޮފެޝަނަލް ޚިދުމަތްތަކާއި ޑިޖިޓަލް، މެރިން، ސިއްޙީ އަދި ތަޢުލީމީ ދާއިރާތަކެވެ.

"ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލް މި މަޝްރޫއާއެކު ވެސް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި، ރާއްޖޭގެ އަގު މަތިވީ އެ މޮޑެލްގެ ސަބަބުން ކަމަށް ވިދާޅުވެ، އެ ވިޔަފާރިތަކަށް ރައްކާތެރިކަން ދޭނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގަތެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ސަބަބުން ރިސޯޓު ފަތުރުވެރިކަން ނުހުއްޓޭނެ ކަމަށާއި، ރަސްމާލެއަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.