ރަސްމާލެ މަޝްރޫއުގެ އެއްވެސް ބިމެއް ކުލީގެ މުއްދަތު އޮޓޮމެޓިކުން އަލުން އާވާ ޝަރުތަކަށް ދޫނުކުރާނެ ކަމާއި، ބިމެއްވެސް ބިދޭސީންގެ މިލްކަށް ނުދެވޭނެ ކަމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބުނެފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މި މައުޤިފު ހާމަކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމަށް ލިޔުމުން ދިން ޖަވާބެއްގައެވެ. ބިން ކުއްޔަށް ދޫކުރުމުގެ ހުރިހާ ކަންކަމާއި މައި އެއްބަސްވުންވެސް އޮންނާނީ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުލީގެ މުއްދަތު އޮޓޮމެޓިކުން އަލުން އާވާ ޝަރުތުތަކެއްގެ ދަށުން އެއްވެސް ބިމެއް ދޫކުރުމަށް އެއްބަސްނުވާނެ.
މިނިސްޓްރީން ހުށަހެޅި ޝަރުތުތައް
މަޝްރޫއު ތަރައްޤީކުރާ ފަރާތުގެ ޖުމްލަ އާމްދަނީގެ 10 ޕަސެންޓް ވަރު، ބިމުގެ ޕްރީމިއަމްގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި އަދަދު USD 3.1 ބިލިއަން ވަރަށް ވާނެކަމަށް މިނިސްޓްރީން ލަފާކުރެއެވެ. އެ ފައިސާގެ ތެރެއިން USD 500 މިލިއަން، ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް އެޑްވާންސްކޮށް ދިނުމަށް އެއްބަސްވެފައިވެއެވެ.
އަދި ރަސްމާލެއިން ވިއްކާ ކޮންމެ ޔުނިޓެއްގެ މާކެޓް އަގުގެ 4 ޕަސެންޓް ސަރުކާރަށް ލިބޭނެއެވެ. މަޝްރޫއަށް އިމްޕޯޓް ޑިއުޓީގެ މައާފެއް ނުދެވޭނެއެވެ.
ހުރިހާ މާލީ މުއާމަލާތްތަކެއް ކުރާނީ ދިވެހިރާއްޖޭގައި ލައިސަންސް ލިބިފައިވާ ބޭންކުތަކުގެ ޒަރީއްޔާއިންނެވެ. އެގޮތުން ބިދޭސީ ފައިސާ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަޝްރޫއު މިހާރު އޮތް މަރުޙަލާ
ރަސްމާލަކީ ޔޫއޭއީގައި މަރުކަޒުކޮށްގެން ހިންގާ އީގަލް ހިލްސް އިންޓަރނެޝަނަލް ޕްރޮޕަޓީސްއިން ބިން ހިއްކައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 500 ހެކްޓަރުގެ މަޝްރޫއެކެވެ. ދެފަރާތް މިހާރު ތިބީ ވިޔަފާރީ ޝަރުތުތައް ކަނޑައަޅާ މަރުޙަލާގައެވެ. މިއީ ފުރިހަމަ އެއްބަސްވުމާމެދު މަޝްވަރާކޮށް ސޮއިކުރުމަށް މަގު ފަހިކުރާ ފްރޭމްވޯކް އެއްބަސްވުމެކެވެ.
ދައުލަތުގެ ބިމާއި ހިއްކާ ބިން އެކިއެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ދިގު މުއްދަތެއްގެ ފެށިގެން ކުރަމުން އަންނަ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މަޝްރޫއު ހިމެނެނީ އަމިއްލަ ފަރާތްތަކުން އިސްނެގުމާއެކު ހުށަހަޅާ ޕްރޮޕޯޒަލްތަކަށް ޚާއްޞަ، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ޝަރީކުވެރިކަމުގެ އުޞޫލުގެ ދަށަށް ކަމަށްވެސް ބުންޏެވެ. އެ އުޞޫލަކީ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އަމަލުތަކާ އެއްގޮތް އުޞޫލެއް ކަމަށް މިނިސްޓްރީން ސިފަކޮށްދިނެވެ.