ރާއްޖޭގައި ހައްޔަރުކުރެވިފައިވާ 25 އިންޑިއާ މަސްވެރިން ދޫކޮށްލުމަށް ކަންތައް ކޮށްދިނުމަށް، އެ މީހުންގެ އާއިލާތަކުން 13 އޮކްޓޯބަރު، އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސްކުރީ، އަރި އަތޮޅުގެ ހުޅަނގު ފަރާތުން ގާތްގަނޑަކަށް 170 ނޮޓިކަލް މޭލު ދުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބިދޭސީ މަސްވެރިކަމުގެ ތިން ބޯޓެއް ހިފިތާ އެއް ދުވަސް ފަހުންނެވެ.

ތިން ބޯޓު ހިފީ ރާއްޖޭގެ އިގްތިސާދީ ޚާއްސަ ސަރަޙައްދު (އީއީޒެޑް) ގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވީނަމަވެސް، ބޯޓުތަކަކީ ކޮން ތަނެއްގެ ބޯޓުތަކެއް ކަމެއް، ނުވަތަ ބޯޓުތަކުގައި ތިބި މީހުންގެ އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ. އިންޑިއާގެ ރިޕޯޓުތަކުގައި ބުނާ ގޮތުގައި، ބޯޓުތަކުގައި ތިބީ ތަމިލްނާޑޫގެ ތޫތުކުޑީ ޑިސްޓްރިކްޓްގެ ތަރުވައިކުލަމްގެ 25 މަސްވެރިންނެވެ. އެ މީހުން ފުން ކަނޑުގައި މަސްވެރިކަން ކުރުމަށް ފުރާފައިވަނީ 1 އޮކްޓޯބަރުގައެވެ.

ބޯޓުތައް ރާއްޖޭގެ ކަނޑުތެރެއަށް ވަދެފައިވަނީ ގަސްދުގައި ނޫން ކަމަށާއި، ކަނޑުގެ ވަރުގަދަ ކަރަންޓާއި ވައިގެ ސަބަބުން ބޯޓުތައް އެ ސަރަޙައްދަށް ދިޔަ ކަމަށް އާއިލާތަކުން ބުނެއެވެ. ހައްޔަރުކުރެވިފައިވާ މަސްވެރިއެއްގެ މަންމަ، އަމަލޯޕަވަމް ބުނީ، މަސްވެރިކަން ކުރުމަށްޓަކައި ބޯޓުތައް ގަސްދުގައި ކަނޑުގެ ސަރަޙައްދު ހުރަސްކޮށްފައި ނުވާ ކަމަށެވެ. "އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެމެންގެ ދަރިން ހައްޔަރުކުރެވިއްޖެ. އެހެންކަމުން، ހައްޔަރުކުރެވިފައިވާ މަސްވެރިން ރައްކާތެރިކަމާއެކު ދޫކޮށްލުމާއި، އެ މީހުންގެ މަސްވެރި ބޯޓުތައް އަނބުރާ ލިބުމަށްޓަކައި، އަވަސް އަރުވައިގެން ދެމެދުވެ، ޖެހޭ ފިޔަވަޅުތައް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރަށް އަހަރެން އިލްތިމާސްކުރަން،" އޭނާ ބުންޏެވެ.

ހައްޔަރުކުރެވިފައިވާ މަސްވެރިއެއްގެ އަޚާ، މަސްވެރިއެއް ކަމަށްވާ ސުދަރުޝަން ބުނީ، މި މީހުން ކުޑައިރުއްސުރެ މަސްވެރިކަން ކުރަމުން އަންނަ ކަމަށާއި، މި މަސައްކަތުގެ ތެރެއިން އާއިލާތައް ދެމެހެއްޓުމަށް ބުރަކޮށް މަސައްކަތްކުރާ ކަމަށެވެ. "މަސްވެރިން ހައްޔަރުކުރުމުން އަހަރެމެންނަށް ވަރަށް ބޮޑު ގެއްލުންތަކާއި ދަތިތަކެއް ކުރިމަތިވެއްޖެ،" އޭނާ ބުންޏެވެ. ހައްޔަރުކުރެވިފައިވާ 25 މަސްވެރިން ވެސް ދޫކޮށްލައި، ތިން ބޯޓު އަނބުރާ ލިބުމަށް އަވަސް ފިޔަވަޅު އެޅުމަށް ސުދަރުޝަން ވެސް އިންޑިއާ ސަރުކާރަށް ގޮވާލިއެވެ.

މަސްވެރިންނާއި ބޯޓުތަކާ ބެހޭގޮތުން އެއްވެސް ނިންމުމެއް ރާއްޖޭގެ ސަރުކާރުން ނުވަތަ އިންޑިއާގެ ސަރުކާރުން އަދި އިޢުލާނުކޮށްފައެއް ނުވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ކަނޑުތެރެއިން ބިދޭސީ މަސްވެރި ބޯޓުތައް ގިނަ ފަހަރަށް ހިފެހެއްޓިފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އަވަށްޓެރި ޤައުމުތަކެއް ކަމަށްވާ އިންޑިއާއާއި ސްރީލަންކާގެ ބޯޓުތަކެވެ.