އީރާނުން ބިނާކުރެވިފައިވާ ތަންތަނަށް ހަމަލާދީފިނަމަ، ސްޓްރެއިޓް އޮފް ހޯމުޒްގެ ކަނޑުއަޑީގައި އޮންނަ އިންޓަނެޓް ކޭބަލްތަކަށް ހަމަލާދެވިދާނެ ކަމަށް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) ގެ ސިޔާސީ ނައިބު ޔަދުއްލާ ޖަވާނީ ބުދަ ދުވަހު އިންޒާރުދީފިއެވެ.
ސްޓްރެއިޓް އޮފް ހޯމުޒަކީ ދުނިޔޭގެ ތެލާއި ގޭސް ދަތުރުކުރާ މުހިންމު ކަނޑުމަގަކަށް ވިޔަސް، އިންޓަނެޓް ޓްރެފިކަށް އޭގެ މުހިންމުކަން ވަރަށް މަދެވެ. އިންޓަނޭޝަނަލް ކޭބަލް ޕްރޮޓެކްޝަން ކޮމިޓީ ބުނާ ގޮތުގައި، މި ސަރަހައްދުން ދަތުރުކުރާ 5 ކޭބަލް ސެގްމަންޓުން ގެންދަނީ ދުނިޔޭގެ ބައިނަލްއަގްވާމީ ބޭންޑްވިޑްތުގެ 1 އިންސައްތައަށް ވުރެ މަދު މިންވަރެކެވެ.
އަސަރުކުރާނީ ކާކަށް؟
މި މަގުން ދަތުރުކުރާ މައިގަނޑު ކޭބަލްތަކަކީ އޭޝިއާ އެފްރިކާ ޔޫރަޕް-1 (އޭ.އޭ.އީ-1)، ފެލްކަން އަދި ގަލްފް ބްރިޖް އިންޓަނޭޝަނަލް ކަމަށް ޓެލެކޮމް ދިރާސާކުރާ ކުންފުނި ޓެލިޖިއޮގްރަފީން ބުނެއެވެ. މި ކޭބަލްތައް އަޅާފައިވަނީ އީރާނުގެ ކަނޑުތެރެއިން ނޫން، އޯމާނުގެ ކަނޑުތެރެއިން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ކޭބަލްތަކުން ޚިދުމަތް ދެނީ ގިނައިން ގަލްފް ސަރަހައްދަށެވެ. ކޭބަލްތަކަށް ގެއްލުން ލިބިއްޖެނަމަ، ބަޙްރައިން، ގަޠަރު، ކުވައިތު އަދި އެމިރޭޓްސްގެ ބައިނަލްއަގްވާމީ ގުޅުންތަކަށް އަސަރުކުރެވިދާނެއެވެ. ނަމަވެސް މި 4 ޤައުމަށްވެސް ބިމުގެ މަގުން ގުޅޭ ބަދަލު ގުޅުންތައް ހުރެއެވެ. ސައުދީ އަރަބިއްޔާގެ ބައިނަލްއަގްވާމީ ޓްރެފިކުގެ ގިނަ ބައެއް ދަތުރުކުރަނީ ރަތް ކަނޑުގެ އައްސޭރިއަށް ލޭންޑްވާ ކޭބަލްތަކުންނެވެ.
ޔޫރަޕާއި އިރުމަތީ އޭޝިއާ ގުޅުވާ އެންމެ ބުރަ ޑޭޓާ މަގުތައް ދަތުރުކުރަނީ ރަތް ކަނޑުންނެވެ. ސްޓްރެއިޓް އޮފް ހޯމުޒުން ނޫނެވެ.
ކޭބަލް ކެނޑުމުން ޚިދުމަތް ލަސްވި ނަމަވެސް، ހުއްޓިގެން ނުދެއެވެ
ޓެލެކޮމް ކުންފުނިތަކުން ޓްރެފިކް ގެންދަނީ ކަނޑުއަޑީގެ އަދި ބިމުގެ އެތައް މަގަކުންނެވެ. އެއް ގުޅުމެއް ހުއްޓިއްޖެނަމަ، ޓްރެފިކް އެހެން މަގަކަށް ބަދަލުކުރެވެއެވެ. މިކަމުގެ ސަބަބުން ސްޕީޑް ލަސްވެ ލޭޓެންސީ އިތުރުވިޔަސް، ބޭނުންކުރާ މީހުންނަށް ޚިދުމަތް މުޅިން ކެނޑިގެނެއް ނުދެއެވެ.
ކުރިން ހިނގާފައިވާ ހާދިސާތަކުން މިކަން ދައްކައެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީގައި ރަތް ކަނޑުގައި 3 ކޭބަލަށް ގެއްލުން ލިބުނީ، ހޫތީ މިސައިލުތަކުން ހަމަލާދިން ރޫބީމާރ ނަމަކަށް ކިޔާ މުދާ ބޯޓުގެ ނަގިލި ދަމާލެވުމުން ކަމަށް ބެލެވެއެވެ. އެ ކޭބަލްތައް ރަނގަޅުކުރުމަށް 6 މަސްދުވަސް ނެގި ކަމަށް ޓެލިޖިއޮގްރަފީން ބުނެއެވެ. 2024 ވަނަ އަހަރުގެ މާރިޗުގައި ހުޅަނގު އެފްރިކާ ކައިރީގައި 4 ކޭބަލަށް ގެއްލުން ލިބި 13 ޤައުމެއްގެ ޚިދުމަތްތަކަށް އަސަރުކުރިއިރު، ކުންފުނިތަކުން ޓްރެފިކް އެހެން މަގުތަކަށް ބަދަލުކުރި ކަމަށް އިންޓަނެޓް ސޮސައިޓީން ބުނެއެވެ.
ގަލްފް ސަރަހައްދުގެ ރައްކާތެރިކަމުގެ ނުރައްކާތަކުގެ ސަބަބުން ކޭބަލް މަރާމާތުކުރާ ޚާއްސަ ބޯޓުތަކަށް ދާން ދަތިވެ، ރަނގަޅުކުރުން ލަސްވެދާނެއެވެ. ނަމަވެސް ބަދަލު މަގުތައް ހުރުމުން، ޚިދުމަތް ހުއްޓިގެން ހުންނާނެ މުއްދަތު ކުރުވާނެއެވެ.
ޤާނޫނު ބުނާ ގޮތް
ކަނޑުއަޑީގެ ކޭބަލް އެޅުމާއި ބެލެހެއްޓުމަށް، ކަނޑާބެހޭ ގާނޫނާ ބެހޭ އދ. ގެ މުޢާހަދާގެ 79 ވަނަ މާއްދާއިން ރައްކާތެރިކަން ދެއެވެ. އެ މުޢާހަދާގެ 113 ވަނަ މާއްދާގައި، ހުޅުވިފައިވާ ކަނޑުގެ އަޑީގައި އޮންނަ ކޭބަލްތަކަށް ގަސްދުގައި ނުވަތަ ސަމާލުކަން ނުދީ ގެއްލުން ދިނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ޤައުމުތަކަށް ލާޒިމުކޮށްފައިވެއެވެ. ހަތިޔާރު އުފުލާ ހަނގުރާމައެއްގެ ހާލަތުގައި، މަދަނީ ބޭނުމަށް ހުންނަ މުވާސަލާތީ އިންފްރާސްޓްރަކްޗަރަށް ސީދާ ހަމަލާދިނުމުން އާންމުކޮށް ރައްކާތެރިކަން ލިބިގެންވާ ކަމަށް ރެޑް ކްރޮސްގެ ބައިނަލްއަގްވާމީ ކޮމިޓީން ބުނެއެވެ.