ރިޔާޒްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. މިއީ ފާއިތުވި ފަސް ހަފުތާގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ އެތެރޭގައި ދިން ހަމަލާތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ފަސްވަނަ ބަޔާނެވެ.

ހޫޘީ މިލިޝިއާއިން ދިން ކަމަށް މިނިސްޓްރީން ބުނާ މި ހަމަލާ ދީފައިވަނީ އޮކްޓޫބަރު 10 ވަނަ ދުވަހުއެވެ. އެ ހަމަލާގައި "އާންމުންގެ ބަޔަކު މަރުވެ، އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ" ކަމަށް ޖެހިގެން އައި ދުވަހު ނެރުނު ބަޔާނުގައި ސަރުކާރުން ބުނެފައިވެއެވެ.

"އާންމުންނާއި މުހިންމު ޢުމްރާނީ ވަސީލަތްތައް ހަމަލާގެ އަމާޒަކަށް ހެދުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ސީރިއަސް ޢަމަލެކެވެ. އަދި އެއީ ސައޫދީ އަރަބިއްޔާގެ އަދި މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުން ވަނީ ސައޫދީ ސަރުކާރަށާއި މަރުވި މީހުންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުވައި، ސައޫދީ އަރަބިއްޔާއާ އެކު "ފުރިހަމަ އެއްބައިވަންތަކަން" ތަކުރާރުކޮށްފައެވެ.

ފަސް ހަފުތާ، ފަސް ބަޔާން

އެ ހަފުތާގެ ތެރޭގައި ރިޔާޒްގެ މައި އެއާޕޯޓަށް ވަނީ ކުރިންވެސް ހަމަލާއެއް ދީފައެވެ. ބަޔާންތަކުގެ ސިލްސިލާ ފެށުނީ އޭގެ މަހެއް ކުރިންނެވެ. އޭގެ ތެރޭގައި ދެ ބައިނަލްއަޤްވާމީ އެއާޕޯޓަކަށާއި، އީސްޓް-ވެސްޓް ތެޔޮ ހޮޅިލައިނަށާއި، މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހިމެނެއެވެ. އެ ޑްރޯން ވަނީ މައްކާގެ ޚާއްޞަ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވައި ނައްތާލާފައެވެ.

ފަސް ބަޔާނުގައިވެސް ބޭނުންކޮށްފައިވަނީ އެއް ޢިބާރާތެކެވެ. އެ ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމާ ޚިލާފު ޢަމަލެއް ކަމަށާއި، ސަރަހައްދުގެ ސުލްހައާއި ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. ތިން ބަޔާނުގައި ސައޫދީ ރައްޔިތުންނަށް ނިސްބަތްކޮށް ބޭނުންކޮށްފައިވަނީ "އުޚުއްވަތްތެރި" މި ލަފުޒެވެ.

ފުޅާ ސިޔާސަތު

ސަރަހައްދާ މެދު ދިވެހިރާއްޖޭގެ ފުޅާ ސިޔާސަތެއްވެސް އެބައޮތެވެ. އޮކްޓޫބަރު 17 ގައި، ޢިރާޤުގެ ބަޣުދާދުގައި ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮތް މިނިވަން ފަލަސްޠީން ދައުލަތަކަށް ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. މި އަހަރަކީ ރާއްޖެއިން އޯއައިސީގެ މެންބަރަކަށްވީތާ 50 އަހަރު ފުރޭ އަހަރެވެ.