ހިޖުރަކުރާ ދޫނި ހިފުމާއި ގެންގުޅުމާއި އެ ދޫނިންނަށް ގެއްލުން ދިނުމަކީ ތިމާވެށީގެ ޤަވާއިދުތަކުގެ ދަށުން މަނާ ކަމެއްކަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އާންމުންނަށް ހަނދާންކޮށްދީފިއެވެ.

އޮތޯރިޓީން މި ކަން ހަނދާންކޮށްދީފައިވަނީ، އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ދޫނި ހިޖުރަކުރަން ފަށާ ދުވަސްވަރު، 1 އޮކްޓޫބަރުގައެވެ.

މި އިންޒާރާއެކުވެސް، ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯތަކުގައި ހިޖުރަކުރާ ދޫނި ގޭގޭގައި ބަންދުކޮށްގެން ގެންގުޅޭ މަންޒަރު ފެނެއެވެ. ބައެއް ދޫނީގެ ފިޔަގަނޑު ކޮށާލާފައިވާކަން ވެސް ފެނެއެވެ.

ވީޑިއޯތަކުގައި ފެންނަ ދޫނިތަކުގެ ތެރޭގައި ބުޅިތުނބި އާއި ރާބޮނދި އާއި ހިމާޔަތްކުރެވިފައިވާ އެހެން ދޫނިތައް ހިމެނެއެވެ.

ދޫނި ހިފައިގެން ވިއްކަމުންދާކަމަށް އީއާރްއޭއިން ބުނެފައިވެއެވެ.

ހިމާޔަތްކުރެވިފައިވާ ދޫނި

ހިޖުރަކުރާ ދޫނިތަކަކީ ޖަނަވާރު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ޤަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ. އެ ދޫނި ހިފުމާއި ގެއްލުން ދިނުމުން ތިމާވެށީގެ ޤަވާއިދުތަކުގެ ދަށުން ޖޫރިމަނާ ކުރެވިދާނެކަމަށް އޮތޯރިޓީން ބުނެއެވެ.

މިފަދަ ހާދިސާތައް ރިޕޯޓުކުރުމަށް އީއާރްއޭއިން އާންމުންނަށް އެދިފައިވެއެވެ. ރިޕޯޓުގައި ބައިވެރިވާ ފަރާތްތަކުގެ މަޢުލޫމާތާއި، ގޭގެ ނަމާއި ރަށާއި އަތޮޅާ ހިމެނޭގޮތަށް ތަނާއި، ދޫނީގެ ބާވަތް ހިމަނަން ވާނެއެވެ.

ލިބެން ހުރިނަމަ ފޮޓޯ ނުވަތަ ވީޑިއޯ ވެސް ރިޕޯޓާއެކު ފޮނުވުމަށް އޮތޯރިޓީން އެދިފައިވެއެވެ.