ޑެންމާކުގެ ޝެފް ޖެސްޕަރ ކޮކް، ބ. އަތޮޅުގައި ހުންނަ ވައްކަރު މޯލްޑިވްސްއަށް ދެވަނަ ފަހަރަށް އައިސްފައިވާކަމަށް ރިސޯޓުން ބުނެފިއެވެ. އޭނާ ރިސޯޓުގައި ހުންނާނީ 26 އޮކްޓޫބަރުން ފެށިގެން 5 ނޮވެމްބަރާ ހަމައަށެވެ.
ރިސޯޓުން ބުނީ، ކޮކް ތައްޔާރުކުރާ ފަސް ކޯހުގެ ޓޭސްޓިންގ މެނޫ ހުށަހަޅަނީ ތިން ރޭގަނޑެއްގައި ކަމަށެވެ. އެއީ 29 އޮކްޓޫބަރު، 1 ނޮވެމްބަރު އަދި 3 ނޮވެމްބަރެވެ. ފުރަތަމަ ޑިނަރު ވަނީ ބާއްވާފައެވެ.
ޑިނަރުތައް ބާއްވަނީ ރިސޯޓުގެ ވައިން ސެލާ، ވައްކަރު ރިޒާވްގައެވެ. ރިސޯޓުން ބުނާ ގޮތުގައި އެތަނުގައި ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގެ 680 ލޭބަލެއް ހުރެއެވެ. ކޮންމެ ކޯހަކާއެކު ސޮމެލިއޭއިން ވައިނާއި އަލްކަހޯލް ނުހިމެނޭ ބުއިންތައް ހުށަހަޅާނެއެވެ.
ރިސޯޓުން ބުނީ، މެނޫގައި ނޯޑިކް ކެއްކުމުގެ ގޮތްތަކާއި ދިވެހި ތަކެތި ގުޅުވާފައިވާ ކަމަށެވެ. އޭގެތެރޭގައި ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވެއް ކަމުގައިވާ ބ. އަތޮޅުގެ ކަނޑުގެ ކާނާ، ރިސޯޓުގެ އޯގަނިކް ދަނޑުގެ ތަކެތި އަދި ސަރަހައްދީ ހަވާދު ހިމެނެއެވެ.
ރިސޯޓުން ނެރުނު ބަޔާނުގައި ކޮކް ބުނީ، މި ގުޅުމުގެ ބައިވެރިއަކަށް ވެވުނުތީ އުފާވާ ކަމަށާއި، މެހެމާނުންނާ ބައްދަލުކޮށް ހަނދާނުގައި ހުންނާނެ ވަގުތުތަކެއް އުފެއްދުމަށް އުއްމީދުކުރާ ކަމަށެވެ.
މި އަހަރު ދެވަނަ ފަހަރަށް
ކޮކްގެ ފުރަތަމަ ރެޒިޑެންސީ ބޭއްވުނީ 16 ޖުލައިން ފެށިގެން 28 ޖުލައާ ހަމައަށެވެ. އެ ދުވަސްވަރު ބޮޑަށް ސަމާލުކަން ދިނީ ބަދިގޭގެ ތަމްރީނާއި ޚިދުމަތުގެ ވޯކްޝޮޕްތަކާއި ރިސޯޓުގެ އެގްޒެކެޓިވް ޝެފުންނާއެކު މަސައްކަތްކުރުމަށެވެ.
ރިސޯޓުން ބުނާ ގޮތުގައި ކޮކްއަށް 30 އަހަރަށް ވުރެ ގިނަ ތަޖުރިބާ ލިބިފައިވެއެވެ. ތަފާތު ރެސްޓޯރަންޓުތަކުގައި މިޝެލިންގެ ފާހަގަކުރުން ލިބިފައިވާ އޭނާއަކީ ޑެންމާކުގެ އަހަރެއްގެ ޝެފްގެ ގޮތުގައި ހޮވިފައިވާ މީހެކެވެ. ބޮކިއުޒް ޑޯގައި ޑެންމާކު ތަމްސީލުކޮށްފައިވާ އޭނާއަކީ މާސްޓަރޝެފް ޑެންމާކުގެ ޖަޖަކަށް ދިގު މުއްދަތަކު ހުރި މީހެކެވެ.
ވައްކަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޓެޑީ ސުސަންޓޯ ވިރްޔަވަން ބުނީ، ވައްކަރު ރިޒާވްގެ މަޤްޞަދަކީ ގިނަ ވައިން ހުށަހެޅުމަށްވުރެ، ވިސްނުމަށް ހިތްވަރުދޭ ޚާއްޞަ ޖަމާކުރުމެއް ކުރުން ކަމަށެވެ.
ރިސޯޓުން ބުނާ ގޮތުގައި ވައްކަރު މޯލްޑިވްސްއަށް މާލެއިން ސީޕްލޭނުގައި ދާން ގާތްގަނޑަކަށް 30 މިނިޓު ނަގައެވެ. ޑިނަރުގެ އަގު އާންމުކޮށްފައެއް ނުވެއެވެ. ބުކިންތައް ހަދަނީ vakkarumaldives.com އިންނެވެ.