މަހަކު 60,000 ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބޭ މީހުން، އަމިއްލަ ޞިއްޙީ މަރުކަޒުތަކުން އާސަންދަ ބޭނުންކޮށްގެން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ދައްކަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން 31 އޮކްޓޯބަރުގައި ހާމަކޮށްފިއެވެ. މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ.

މިނިސްޓްރީން ބުނީ، ކޯ-ޕޭމަންޓު ނަގާނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ފާމަސީތަކުންނާއި، އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުން ކަމަށެވެ. ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމެވުން ނިންމަވާފައިވަނީ އާސަންދަ ނިޒާމު ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާ ގުޅޭ އުޞޫލު ވަނީ ގެޒެޓުކޮށްފައެވެ.

އިސްތިސްނާވާ ފަރާތްތައް

ޤައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި ހިފެހެއްޓުމަށް ބާރުއަޅައި، އާމްދަނީ ބޮޑު ނަމަވެސް ބައެއް ފަރާތްތައް މި އުޞޫލުން އިސްތިސްނާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ:

  • ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން

  • ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން

  • އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

ސެޕްޓެމްބަރު މަހު ރިޔާސީ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، އާސަންދައިން އެންމެ މުއްސަނދި މީހުންނާއި އެންމެ ނިކަމެތި މީހުންނަށް އެއް ފެންވަރެއްގެ ފުރިހަމަ ކަވަރޭޖެއް ނުދޭންވާނެ ކަމަށެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ ގޮތުން، މަހަކު 60,000 ރުފިޔާއަށްވުރެ ގިނަ އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ދެވޭނީ ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ އިންތިޒާމެއްގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ނޫސްވެރިންނަށް ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ. ސަލާމަތްކުރެވޭ ފައިސާ، ރައްޔިތުންގެ އެހެނިހެން އަސާސީ ބޭނުންތަކަށާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.