ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަމާއި 50 ޓަނުގެ ސްޓޯރޭޖް ހުންނަ އައިސްޕްލާންޓް 11 ރަށެއްގައި ޤާއިމުކުރުމަށް، މަސްވެރިކަމުގެ ވުޒާރާއިން މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީއާއެކު ކުރި މި އެއްބަސްވުމުގައި، އޮކްޓޫބަރު 19 ގައި މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ކޮންމެ ރަށަކަށް ވަކިވަކިން، 30 ޓަނުގެ އައިސްޕްލާންޓާއެކު 50 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރިކަން އިޢުލާނުކޮށްފައެވެ.

11 ރަށް

  • ހއ. ދިއްދޫ

  • ހދ. ކުޅުދުއްފުށި

  • ށ. ކޮމަންޑޫ

  • ދ. ހުޅުދެލި

  • ކ. ގާފަރު

  • އއ. ރަސްދޫ

  • މ. މުލައް

  • ގއ. ނިލަންދޫ

  • ގއ. ވިލިނގިލި

  • ގއ. މާމެންދޫ

  • ގދ. ރަތަފަންދޫ

އެއްބަސްވުމުގައި ހިމެނޭ ކަންކަން

މި މަސައްކަތް ކުރިއަށް ގެންދާނީ ފަރުމާކުރުމާއި ބިނާކުރުމާއި ތަކެތި ފޯރުކޮށްދިނުމުގެ އުސޫލުން ކަމަށް ވުޒާރާއިން ބުންޏެވެ. ކުންފުނިން ޕްލާންޓްތައް ފަރުމާކޮށް، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކޮށް، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދޭނެއެވެ.

ޕްލާންޓްތަކުގައި ބޭނުންކުރާނީ ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ކަމަށާއި، އެއީ ރާއްޖޭގެ ކަނޑުގެ މާޙައުލާ ގުޅޭ ގޮތަށް ނިންމި ނިޒާމެއް ކަމަށް ވުޒާރާއިން ބުންޏެވެ.

އޭގެ އިތުރުން ޕްލާންޓްތައް ހަރުކޮށް، ޓެސްޓްކޮށް، އޮޕަރޭޝަނަށް ގެނައުމާއި، ތަކެތި ގެންދިއުމާއި، މަޝްރޫޢު މެނޭޖްކުރުމާއި، ޕްލާންޓްތައް ހަވާލުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ ޒިންމާވެސް ކުންފުނީގެ މައްޗަށް އެޅިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.