ސަރުކާރުން މިއަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސް.ޑީ.އެފް) އަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 395.6 މިލިއަން ރުފިޔާ މަދުވެފައިވާކަން މާލިއްޔަތު ވުޒާރާގެ އެންމެ ފަހުގެ ހަފްތާގެ ރިޕޯޓުން ދައްކައެވެ.
20 އޮކްޓޯބަރުގައި ޝާއިޢުކުރި އެ ރިޕޯޓުގައިވާ ގޮތުން، 1 ޖަނަވަރީއިން ފެށިގެން 15 އޮކްޓޯބަރާ ހަމައަށް އެ ފަންޑަށް 1,727.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 2,123.1 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ބަޖެޓުގައި އެސް.ޑީ.އެފަށް ޖަމާކުރުމަށް ކަނޑައަޅާފައިވަނީ 2,429.4 މިލިއަން ރުފިޔާއެވެ. އޭގެ ގާތްގަނޑަކަށް 71 ޕަސެންޓް މިހާތަނަށް ޖަމާކޮށްފައިވެއެވެ.
ހަފްތާގެ ރިޕޯޓުގައި ހިމަނާފައިވަނީ އަހަރުތެރޭގައި ފަންޑަށް ޖަމާކުރާ ފައިސާއެވެ. ފަންޑުގައި ހުރި ޖުމްލަ ބެލެންސް އެ ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.
ދަރަނި އަދާކުރުން ދެގުނައަށްވުރެ އިތުރުވެއްޖެ
ރިޕޯޓުގައިވާ ގޮތުން، 15 އޮކްޓޯބަރާ ހަމައަށް ސަރުކާރުން ލޯނު އަނބުރާ ދައްކަން 10,100.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދައްކާފައިވަނީ 4,571.6 މިލިއަން ރުފިޔާއެވެ. މިއަހަރު ލޯނު އަނބުރާ ދެއްކުމަށް ބަޖެޓްކޮށްފައިވަނީ 12,914.3 މިލިއަން ރުފިޔާއެވެ.
2 އޭޕްރިލްގައި ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކު، 24.68 މިލިއަން ޑޮލަރުގެ ފައިދާއާއެކު ދައްކައި ޚަލާސްކުރިއެވެ. މާލިއްޔަތު ވުޒާރާއިން ބުނީ އެ ފައިސާ ދެއްކުމަށް އެސް.ޑީ.އެފާއި ދައުލަތުގައި ހުރި އެހެން ބޭރު ފައިސާ ބޭނުންކުރި ކަމަށާއި، ފަންޑުގައި ހުރި ބޭރު ފައިސާގެ ބެލެންސް ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރު ފަހަނައަޅާފައިވާ ކަމަށެވެ.
17 ސެޕްޓެމްބަރުގައި ސަރުކާރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ތެރެއިން ޓީ-ބިލް ވިއްކައިގެން ނެގި 150 މިލިއަން ޑޮލަރުގެ ބާކީ 50 މިލިއަން ޑޮލަރު ދައްކައި ޚަލާސްކުރިއެވެ. ދަރަނިތައް ވަގުތުން އަދާކުރުމަށްޓަކައި އެސް.ޑީ.އެފަށް ފައިސާ ޖަމާކުރުން ކުރިއަށް ގެންދާކަމަށް ވުޒާރާއިން ބުންޏެވެ.
ރިޕޯޓުގައިވާ ގޮތުން، 15 އޮކްޓޯބަރާ ހަމައަށް ސަރުކާރުގެ ޖުމްލަ އާމްދަނީއާއި އެހީގެ ގޮތުގައި 31,890.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދު 36,385.7 މިލިއަން ރުފިޔާއެވެ. މީގެ ސަބަބުން 4,495.1 މިލިއަން ރުފިޔާގެ ޑެފިސިޓެއް ވެއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އުފެއްދީ 2017 ވަނަ އަހަރު، ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި އިޤްތިޞާދަށް ކުރިމަތިވާ ހާލަތުތަކަށް ތައްޔާރުވުމަށެވެ.