ގެއެއް ގަތުމަށް 250,000 ރުފިޔާއާ ހަމައަށާއި، ގެއެއް ބިނާކުރުމަށް 200,000 ރުފިޔާއާ ހަމައަށް، ޝަރުތު ހަމަވާ ދިވެހިންނަށް ސަރުކާރުން އެހީވެދޭނެއެވެ. މި އެހީ ދެނީ، އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީން 18 އޮކްޓޫބަރު، އާދިއްތަ ދުވަހު ފެށި ދެ ސްކީމެއްގެ ދަށުންނެވެ.

ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމްގެ ދަށުން ފެށި ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި ސްކީމްތަކުގެ މަގުސަދަކީ، ހައުސިންގ ލޯނެއް ހޯދުމަށް ގިނަ މީހުންނަށް ހުރަސްއަޅާ، ކުރިއަށް ދައްކަން ޖެހޭ އިކުއިޓީގެ ދަތިކަން ނައްތާލުން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ސްކީމްތައް ހިންގުމަށް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކުންފުންޏާއެކު މިނިސްޓްރީން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.

ހެލްޕް ޓު ބިލްޑް

ހެލްޕް ޓު ބިލްޑްގެ ދަށުން، މާލޭގައާއި އެހެން އާބާދީ ރަށްރަށުގައި ގެ ބިނާކުރާ މީހުންނަށް 200,000 ރުފިޔާއާ ހަމައަށް އިކުއިޓީ އެހީ ސަރުކާރުން ދޭނެއެވެ.

ހެލްޕް ޓު ބައި

ހެލްޕް ޓު ބައިގެ ދަށުން، ގެއެއްގެ އަގުން 250,000 ރުފިޔާއާ ހަމައަށް ސީދާ އުނިކޮށްދޭނެއެވެ. މި ސްކީމުގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ބިނާކުރާ ހަރަދު ކުޑަ ހައުސިންގ ޔުނިޓްތަކާއި، ބާޒާރު އަގުގައި ވިއްކާ ގެދޮރު ހިމެނެއެވެ.

މިއީ ފުރަތަމަ ފަހަރަށް ގެދޮރު ހޯދާ މީހުންނަށް ސީދާ މާލީ އެހީ ފޯރުކޮށްދޭ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.