ވިލިމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ބުދަ ދުވަހު އަމާން ހިޔާ އިމާރާތަށް ބަދަލުކޮށްފިއެވެ. މިއީ 100 އެނދުގެ އާ ހޮސްޕިޓަލަކުން އެ ހޮސްޕިޓަލް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

އިމަޖެންސީއާއި އާންމު އޯޕީޑީގެ ހިދުމަތް މިހާރު ވަގުތީ އިމާރާތުގައި ދެމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.

ދަތުގެ ފަރުވާއާއި ފިޒިއޮތެރަޕީއާއި ޑަޔަލިސިސްގެ ހިދުމަތް ބަދަލުކުރާނީ އެ އިމާރާތުގައި ލިފްޓު ހަރުކުރުމަށްފަހުއެވެ. އެހާތަނަށް އެ ހިދުމަތްތައް ލިބޭނީ އައިޖީއެމްއެޗުންނެވެ.

ހިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.

ތިން ކޮންސަލްޓޭޝަން ރޫމާއި ފަސް އެނދުގެ އިމަޖެންސީއެއް ހުންނަ މިހާރުގެ އިމާރާތް ތަޅާލާނެއެވެ. އާ ހޮސްޕިޓަލް އަޅާނީ ދެ އިމާރާތެއްގެ ބިމުގައެވެ.

އާ ހޮސްޕިޓަލުގައި އިމަޖެންސީ، ޑައިގްނޯސްޓިކްސް، އައިސީޔޫ އަދި ހީމޯޑަޔަލިސިސް ޑިޕާޓްމަންޓުތަކާއެކު، އެޑްމިޓްކޮށްގެން އަދި އޯޕީޑީން ފަރުވާދޭ ބައިތައް ހިމެނެއެވެ. ތަފުސީލީ ޑިޒައިނުގެ މަސައްކަތް ވަނީ ފަށައިފައެވެ. ހޮސްޕިޓަލް އަޅަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ.