ހުޅުމާލެއިން ބިމެއް 94.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީން އެޗްޑީސީގެ އަތުން ގަނެފިއެވެ. އެ ފައިސާ މިހާރު ވަނީ އެއްކޮށް ދައްކައިފައެވެ.

އެ ބިމުގެ ބޮޑުމިނަކީ 25,011 އަކަފޫޓެވެ. އޮތީ ހުޅުމާލޭ މަސް މާރުކޭޓު ހިމެނޭ ސަރަހައްދުގައެވެ.

މި މުއާމަލާތް ރަޖިސްޓްރީކުރީ ސިވިލް ކޯޓު މެދުވެރިކޮށެވެ. ކޯޓުން ނިންމީ އެއީ ސައްހަ މުއާމަލާތެއް ކަމަށެވެ. އަދި އެ ބިން އެޗްޑީސީގެ މިލްކުވެރިކަމުން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ބިމެއް ސަރުކާރުން ނަގާނަމަ، އެ ކުންފުންޏަށް ފައިސާ ދައްކަން ޖެހެއެވެ. މީގެ ކުރިން ވެސް އެގޮތަށް އެތައް ފަހަރަކު ބިން ބަދަލުކޮށްފައިވެއެވެ.

މި އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 69.7 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައެވެ. އެ ބިން ދޫކުރީ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކަށެވެ.

އަލަށް ގަތް ބިން މިނިސްޓްރީން ބޭނުންކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.