މި އަހަރު މިހާތަނަށް ސަބްސިޑީއަށް ސަރުކާރުން ހޭދަކުރި އަދަދު 4.3 ބިލިއަން ރުފިޔާއަށް އަރައި، ބަޖެޓުކުރި އަދަދަށްވުރެ 50 ޕަސެންޓް އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރަށް ސަބްސިޑީއަށް ބަޖެޓުކުރީ 2.8 ބިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރު ވެސް ސަބްސިޑީއަށް ހޭދަވީ ބަޖެޓުކުރި އަދަދަށްވުރެ ގިނައިންނެވެ. 2025 ވަނަ އަހަރު ބަޖެޓުކުރީ 1.9 ބިލިއަން ރުފިޔާ ކަމަށްވިޔަސް، ހޭދަވީ 4.9 ބިލިއަން ރުފިޔާއެވެ. އެ އަހަރު ބަޖެޓުގައި މަދު އަދަދެއް ކަނޑައެޅީ، ސަބްސިޑީއަށް ގެންނަން ރޭވި އިސްލާހުތަކެއްގެ ސަބަބުންނެވެ. ނަމަވެސް ފަހުން އެ އިސްލާހުތައް ސަރުކާރުން ދޫކޮށްލިއެވެ.

ތެލުގެ ސަބްސިޑީއަށް 2026 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅީ 1 ބިލިއަން ރުފިޔާއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

ދަތުރުފަތުރުގެ ސަބްސިޑީއަށް މި އަހަރު ކަނޑައެޅީ 250 މިލިއަން ރުފިޔާއެވެ. އެއީ 2025 ވަނަ އަހަރުގެ 918 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ދަށްވުމެކެވެ. ކަރަންޓުގެ ސަބްސިޑީއަކީ 730 މިލިއަން ރުފިޔާއެވެ. އެއީ ފާއިތުވި އަހަރަށްވުރެ ގާތްގަނޑަކަށް 45 ޕަސެންޓް އިތުރު އަދަދެކެވެ. ކާބޯތަކެތީގެ ސަބްސިޑީއަކީ 344 މިލިއަން ރުފިޔާއެވެ. އެއީ 25 ޕަސެންޓްގެ ދަށްވުމެކެވެ.

އެހެނިހެން ސަބްސިޑީތަކަށް 1 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، 2025 ވަނަ އަހަރު އެ އަދަދަކީ 247 މިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް 305 ޕަސެންޓްގެ އިތުރުވުމެކެވެ.

މަހުގެ އަގު ކޮންޓްރޯލްކުރުމުގެ ސަބްސިޑީއަކީ 280 މިލިއަން ރުފިޔާއެވެ. އެއީ ކުރިއަށްވުރެ 62 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ނަރުދަމާގެ ނިޒާމަށް 135 މިލިއަން ރުފިޔާ ބަޖެޓުކުރުމަށްފަހު، އިތުރު 35 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފައެވެ.