މި އަހަރު މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ފޮނުވި ފަސްވަނަ ގައުމަކަށް އިޓަލީ ވެއްޖެ ކަމަށް ފަތުރުވެރިކަމާއި އޭވިއޭޝަނާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވުޒާރާއިން ބުނީ ހޯމަ ދުވަހުގެ ނިޔަލަށް އިޓަލީން 100،186 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަހަރުގެ ފެށުނީއްސުރެ ރާއްޖެއަށް ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %3.4 ދަށް އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. އެ ގައުމުން 314،519 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނައީ ރަޝިޔާއިން 237،203 ފަތުރުވެރިން، އިނގިރޭސިވިލާތުން 123،336 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 105،024 ފަތުރުވެރިންނެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1،294 ތަނެއް ހުޅުވާފައިވާއިރު، އޭގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 68،093 އެނދެވެ.
މި އަހަރުގެ ކުރީކޮޅު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާރިޗު، އެޕްރީލް އަދި މެއި މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މަސްތަކާ އަޅާބަލާއިރު 24 އިންސައްތަ ދަށްވިއެވެ. ނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުން ގުޅިގެން ކުރި މަސައްކަތުން އެ ފަރަގު މިހާރު 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށާއި، އަހަރު ނިމޭއިރު މިދިޔަ އަހަރާ ގާތްގަނޑަކަށް އެއްވަރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.