މަގުމަތީގެ އެކްސިޑެންޓުތައް ތަހުގީގުކުރުމުގައި އެހީތެރިވުމަށް "ސްމާޓްޑްރޯ" ސޮފްޓްވެއާ ރަސްމީކޮށް ބޭނުންކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ސޮފްޓްވެއާ ބޭނުންކުރަމުންދަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިނގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުގައި ކަމަށެވެ. އެއީ ތަހުގީގުތައް އަވަސްކޮށް، ތަހުގީގުތަކުގެ ސައްހަކަން އިތުރުކޮށް، ފަންނީ ފެންވަރު މަތިކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

"ސްމާޓްޑްރޯ" އަކީ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ޑައިއެގްރާމް ތައްޔާރުކުރުމަށާއި ސްކެޗް ކުރަން ފަސޭހަ ސޮފްޓްވެއާއެކެވެ. އޭގައި މަގުތަކާއި ހަތަރު އަނގޮޅިއާއި ޓީ ޖަންކްޝަނާއި ސީދާ މަގުތަކުގެ ލޭއައުޓުތައް ކުރިން ތައްޔާރުކޮށްފައި ހުރެއެވެ. އަދި އުޅަނދުތަކާއި ސައިކަލާއި ޓްރެފިކް ނިޝާންތަކާއި ޓްރެފިކް ލައިޓްގެ ރަމްޒުތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ގޫގުލް މެޕްސް އާއި ސެޓެލައިޓް ފޮޓޯ ސޮފްޓްވެއާއަށް އެޅޭނެ ގޮތް ހަދާފައިވާތީ، އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު ފުރިހަމައަށް ދެއްކޭނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ އެކްސިޑެންޓު ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކޮށް، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކޮށް، ހެކި ރައްކާކުރާ ގޮތް ހަރުދަނާކޮށް، މަސައްކަތް އަވަސްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް އިތުރު ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ތައާރަފުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މި ބަދަލު ގެނެސްފައިވަނީ ހާއްސަކޮށް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މި އަހަރު މިހާތަނަށް ރާއްޖޭގައި 2،300 އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.