ހައްޖު ކިޔޫގައި މަދުވެގެން ތިން އަހަރު ވެފައިވާ، އުމުރުން 70 އަހަރާއި އެއަށްވުރެ މަތީގެ އެންމެންނަށް އަންނަ އަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިއުލާން ކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އާ އުސޫލުގެ ދަށުން 1448 ވަނަ އަހަރުގެ ހައްޖަށް 324 މީހުން ޝަރުތު ހަމަވާ ކަމަށެވެ. އެއިން 86 މީހުންނަކީ 75 އަހަރުން މަތީގެ މީހުން ކަމަށާއި، އެ މީހުން ދާނީ އެހީތެރިންނާއެކު ކަމަށް ވިދާޅުވި އެވެ. އެގޮތުން ޖުމްލަ ގާތްގަނޑަކަށް 410 މީހުން އެ ގްރޫޕުގައި ހައްޖަށް ދެވޭނެ އެވެ.
މިނިސްޓްރީން ބުނީ، ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ ހައްޖު ކޯޓާއަށް ބަލާއިރު ހައްޖު ކިޔޫގައި ދޮށީ އުމުރުގެ ގިނަ މީހުން ތިބުމާއި، އިތުރަށް އިންތިޒާރުކުރަން ޖެހުމުން އެ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުން މި ނިންމުން ނިންމީ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، މި އުސޫލު ތަންފީޒުކުރާނީ އުމުރާއި ކިޔޫން ޖާގަ ލިބުނު ތާރީޚަށް ބަލައިގެން، މައުޟޫއީ ގޮތެއްގައި ކަމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ހަމަހަމަ ގޮތުގައި ކަމަށެވެ.
މި އުސޫލުގެ ދަށުން ކިޔޫގައި ތިން އަހަރު ވެފައިވާ މީހުންގެ ގޮތުގައި ބަލާނީ 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ހައްޖަށް ފައިސާ ދައްކާފައިވާ މީހުންނެވެ. 31 ޑިސެމްބަރު 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރިފައި ވާން ޖެހޭނެ އެވެ. އަދި ފުރުސަތު ލިބޭނީ ހަމައެކަނި ފުރަތަމަ ފަހަރަށް ފަރުޟު ހައްޖު އަދާކުރަން ދާ މީހުންނަށެވެ.
މިނިސްޓްރީން ބުނީ، އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ވެސް ކިޔޫގައި އިސްކަންދޭނެތީ އެ މީހުންނަށް ލަސްވުމެއް ނާންނާނެ ކަމަށެވެ. އެފަދަ މީހަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އާއިލާގެ މެންބަރަކަށް ވެސް އެ ފުރުސަތު ނުގެއްލޭނެ އެވެ.
މި ބަދަލާއެކު 65 އަހަރުން ދަށުގެ ބައެއް މީހުންނަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައުން ހިނގާނެ އެވެ. ނަމަވެސް މިއީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ބޭނުން އެންމެ އިންސާފުވެރި އަދި ފުރިހަމަ ގޮތުގައި ހިފުމަށާއި، ކިޔޫގައި އިންތިޒާރުކުރާ ދުވަސްވީ މީހުންގެ އަދަދު މަދުކޮށް، ކުރިއަށް އޮތް ތަނުގައި ކިޔޫ ޒުވާން އުމުރުފުރާތަކަށް ބަދަލުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.