ދައުލަތުގެ ރިޒާވް ވަރުގަދަކުރުމާއި އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، 13 އޮކްޓޯބަރު، އަންގާރަ ދުވަހު ބައިނަލްއަގުވާމީ ޚަބަރު އޮފީހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.
ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމަކަށްވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން ހަކަތައިގެ ސަބްސިޑީއަށް ކުރާ ހޭދަ މިއަހަރު ތިންގުނަ އިތުރުވެފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ އާމްދަނީއަށް އައި ބަދަލުތަކަށް ވެސް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ބަޖެޓް ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 ޕަސަންޓުން 9 ޕަސަންޓަށް އުފުލުމުގެ ބިރު އެބައޮތެވެ. ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ހަރަދު ކުޑަކުރުމާއި ފިސްކަލް ކޮންސޮލިޑޭޝަނަށް ކަމަށާއި، ނަމަވެސް އިގްތިސޯދު ހަމަ މަގަށް އެޅުވުމަށް ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީ ބޭނުންވާކަމަށް ޒަރީރު ވިދާޅުވިއެވެ.
އަންނަ އަހަރު އިގްތިސޯދު 3.8 ޕަސަންޓާއި 2028 ވަނަ އަހަރު 6.8 ޕަސަންޓަށް ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. ކުރިއަށް އޮތް ތިން އަހަރުގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުން އެއްބަސްވެފައިވާއިރު، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި މިދިޔަ މަހު ރާއްޖެއިން ސޮއިކުރިއެވެ.
ފަތުރުވެރިކަން ކުރިއެރުވުމަށް ގައުމީ އެއާލައިނަށް އިތުރު ބޯޓުތައް ހޯދުމާއި، އޮސްޓްރޭލިއާ ފަދަ އާ މާކެޓްތަކަށް ދަތުރުތައް އިތުރުކުރުމަށް ވެސް މަސައްކަތްކުރަމުންދާކަމަށް ޒަރީރު ވިދާޅުވިއެވެ. އަމާޒަކީ އިގްތިސޯދު ޑައިވާސިފައިކޮށް، 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ ބޭނުން 33 ޕަސަންޓަށް އިތުރުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން އެދެނީ ކިހާވަރެއްގެ އާ އެހީއަކަށްކަން، ނުވަތަ ވޯލްޑް ބޭންކުގެ އިތުރުން ކޮން އިދާރާތަކަކުންކަން މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.