ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި ގދ. ގައްދޫގެ އަލީ ޝަޒީނު 25 އަހަރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފިއެވެ.
ސަން އޮންލައިންގެ ރިޕޯޓުގައި ވާގޮތުގައި، ޝަޒީނުގެ މައްޗަށް ކުރި ދެ ދައުވާއެއް ކޯޓުން ސާބިތުކޮށް، ހުކުމް ކުރީ އާދިއްތަ ދުވަހުއެވެ.
މައްސަލަ އުފެދުނީ ގދ. ގަމުގައި ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދަކާ ގުޅިގެންނެވެ. ފުލުހުން ދިން މައުލޫމާތު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ތުހުމަތު އުފެދިފައިވެއެވެ.
އެ ތުހުމަތާ ގުޅިގެން ކޯޓުގެ އަމުރަކާއެކު ފުލުހުން އެ ތަން ބެލިއެވެ. ބަލައި ފާސްކުރުމުގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި އަދި ބަނގުރާ ފެނުނުކަމަށް ފުލުހުން ބުނެއެވެ.
ތަހުގީގު ނިންމުމަށްފަހު، މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. އެއަށްފަހު ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް ކުރެވުނެވެ.
އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ރިޕޯޓުގައި ވާގޮތުގައި، ކޯޓުން މި ދެ ދައުވާވެސް ސާބިތުވާކަމަށް ނިންމާފައިވެއެވެ.