މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގެ ބައިވެރިންގެ ތެރެއިން އުމުރުން 65 އަހަރު އަދި އެއަށްވުރެ މަތީގެ މީހުންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވްކުރުމަށްޓަކައި ޕެންޝަން ސޭވިންގްސް ބޭނުންކުރެވޭނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން 5 ނޮވެމްބަރު 2026 ގައި ހާމަކޮށްފިއެވެ.

ޕެންޝަން އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު މިހާރު ގެޒެޓްކޮށް، އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި ގަވާއިދަކީ 5 ނޮވެމްބަރު 2026 ގައި ޝާއިޢުކޮށްފައިވާ ގަވާއިދު ނަންބަރު: 92-R/2026 އެވެ.

އައި ބަދަލުތައް

މި އިޞްލާޙު ގެނައުމުގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ޙައްޖަށް ދިއުމަށް ޖާގަ ކަށަވަރުވާ އިރު 65 އަހަރު ފުރޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގައި ހުރި ފައިސާ ބޭނުންކޮށްގެން ޖާގަ ރިޒާވް ނުކުރެވެއެވެ. ނަމަވެސް، ޝަރުޠު ހަމަވާ ކޮންމެ އުމުރެއްގެ ބައިވެރިއަކަށްވެސް މިހާރު އެ ފުރުޞަތު އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ. މީގެ ތެރޭގައި އުމުރުގެ ސަބަބުން ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކާއި، ޖާގަ ކަށަވަރުވާން އިންތިޒާރުކުރާ މުއްދަތުގައި 65 އަހަރު ފުރޭ ފަރާތްތައްވެސް ހިމެނެއެވެ.

ޝަރުޠު ހަމަވާ ފަރާތްތައް

  • ބައިވެރިޔާއަކީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ މީހަކަށް ވުން.

  • ބައިވެރިޔާގެ އާރް.އެސް.އޭ އެކައުންޓުގައި މަދުވެގެން -/336,000 (ތިން ލައްކަ ތިރީސް ހަ ހާސް) ދިވެހި ރުފިޔާ ހުރުން.

  • ގެދޮރުވެރިކަމުގެ މަންފާގެ ދަށުން ޕެންޝަން ފައިސާ ކޯލެޓަރަލައިޒްކޮށްފައިވާ (ރަހުނުކޮށްފައިވާ) ނަމަ، އެ ފައިސާ އުނިކުރުމަށްފަހުވެސް -/336,000 ރުފިޔާ ބާކީ ހުންނަން ޖެހޭނެއެވެ.

ފައިސާ ދެއްކުން ހަމަޖެހިފައިވާ ގޮތް

  • ޙައްޖުގެ އަގުގެ ޖުމްލަ ފައިސާގެ 20 އިންސައްތަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ބައިވެރިޔާ ދައްކަންވާނެއެވެ.

  • އެއަށްފަހު ހަމަޖެހިފައިވާ އުޞޫލުން ތަރުތީބުން ޖާގަ ރިޒާވްކުރެވޭނެއެވެ.

  • ބާކީ 80 އިންސައްތަ ފައިސާ ވަގުތުން އާރް.އެސް.އޭ އެކައުންޓަކުން ނުކަނޑާނެއެވެ. އެ ފައިސާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރަންދެން އޮންނާނީ އިންވެސްޓްކުރެވިފައެވެ.

މިހާރު ޕެންޝަން ލިބެމުންދާ ފަރާތްތަކަށާއި އަލަށް ރިޓަޔާކުރާ އެމް.އާރް.ޕީ.އެސްގެ ބައިވެރިންގެ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ޙައްޖަށް ރިޒާވްކޮށްފައިވާ އަދަދު އެ ހިސާބުތަކުން އުނިކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުގެ ހޮޓްލައިން ނަންބަރަކީ 1441 އެވެ.