އަޒަރުބައިޖާންގެ ބާކޫގައި ބޭއްވި ފުރަތަމަ ފީފާ ޔޫ-15 ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގައި ބްރިޓިޝް ވާޖިން އައިލެންޑްސްގެ މައްޗަށް 2-0 އިން ކުރިހޯދައި، ރާއްޖޭގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕް މެޗަކުން މޮޅުވެއްޖެއެވެ.
މި މޮޅަކީ މި މުބާރާތުގައި ޓީމު ކުޅުނު ފަހު މެޗެވެ. ވާދަކުރި 189 ޓީމުގެ ތެރެއިން ރާއްޖެ ދިޔައީ 159 ވަނައަށެވެ. އެއީ ހަތަރު ޕޮއިންޓާ އެކުގައެވެ.
3-0 އިން ބަލިވަމުން ދަނިކޮށް ފުރަތަމަ ޕޮއިންޓަށް
ކޮލިފައިން ބުރުގައި ރާއްޖެ ހިމެނުނީ ފްރާންސް، ސައުތު އެފްރިކާ، އެސްޓޯނިއާ، ކޮސޯވޯ އަދި އެންގުއިލާއާ އެކު ގްރޫޕް އޭ ގައެވެ. ރާއްޖެ ވަނީ ފްރާންސް އަތުން 6-0 އިން، ސައުތު އެފްރިކާ އަތުން 8-0 އިން، އަދި އެސްޓޯނިއާ އަތުން 3-1 އިން ބަލިވެފައެވެ.
އެންގުއިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައި 3-3 އިން އެއްވަރުކޮށްފައެވެ. ފީފާ ވޯލްޑް ކަޕެއްގައި ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިނީ އިބްރާހިމް އިޔާސް ބިން ހަސަންއެވެ. ދެވަނަ ލަނޑު ޔޫސުފް ލާއިޤް އިބްރާހިމް ކާމިޔާބުކޮށްދިންއިރު، ނަތީޖާ ހަމަހަމަކޮށްދިނީ މީކާ މުހައްމަދު ކަލީމްއެވެ. މި އެއްވަރުވުމާއެކު ރާއްޖެއަށް ވޯލްޑް ކަޕުގެ ފުރަތަމަ ޕޮއިންޓް ލިބުނެވެ.
ގްރޫޕުގެ ފަސްވަނަ ލިބުމުން ޓީމަށް ދެން ފުރުސަތު ލިބުނީ މުބާރާތުގެ ޓިއާ އީ ގައެވެ. ބްރިޓިޝް ވާޖިން އައިލެންޑްސްގެ މައްޗަށް މޮޅުވީ އެ ބުރުގައެވެ. މި ސްކޮޑުގެ ކޯޗަކީ ތަޖުރިބާކާރު ޔޫތު ކޯޗު އަހުމަދު ޝާކިރުއެވެ.
ޒުވާން ކުޅުންތެރިންނަށް އައު މުބާރާތެއް
ޔޫ-15 ވޯލްޑް ކަޕް އެންޑް ފެސްޓިވަލް ކުރިއަށްދިޔައީ އޮކްޓޯބަރު 24 އިން 30 އަށް ބާކޫގައެވެ. ފީފާއިން ބުނާ ގޮތުގައި ބައިވެރިވި މެންބަރު އެސޯސިއޭޝަންތަކުގެ ތެރެއިން 78 އެސޯސިއޭޝަނަކީ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައި އަލަށް ވާދަކުރި ޓީމުތަކެވެ. ކޮލިފައިން ބުރަށްފަހު ޓީމުތައް އެކި ޓިއާތަކަށް ބަހާލުމުން، ހުރިހާ ޓީމަކަށްވެސް މުބާރާތް ނިމެންދެން ކުޅުމުގެ ފުރުސަތު ލިބުނެވެ. އެންމެ މަތީ ޓިއާގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޗެކް ރިޕަބްލިކް 3-0 އިން ބަލިކުރި ސްޕެއިންއެވެ.