އުރީދޫ ފަން ރަން 2026 އޮންނާނީ ހުޅުމާލޭގައި ހުކުރު ދުވަހު، 11 ޑިސެމްބަރުގެ ހަވީރު 4:00 އިން 6:00 އަށެވެ. އަދި މިހާރު ރަޖިސްޓްރޭޝަން ވަނީ ހުޅުވާލެވިފައި ކަމަށް އުރީދޫން މަޢުލޫމާތު ދެއެވެ.

އޮކްޓޫބަރު 26 ގައި އުރީދޫން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ. އަދި މި ޙަރަކާތުގެ ރަސްމީ ހޯސްޓިންގ ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާނީ ނޮވެމްބަރު 7 ގެ ރޭގަނޑު 23:59 ގައެވެ. ޖާގަ ލިމިޓެޑް ކަމަށް އުރީދޫން ބުނެއެވެ. މޫލީން ރަޖިސްޓްރީވުމަށް: moolee.mv/category/Fun-Run-2026

ދުވުން

މި ދުވުމުގެ ރޫޓަކީ 5 ކިލޯމީޓަރެވެ. އަދި މިއީ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ދުވުމެކެވެ. މިއީ ވަގުތު ބަލާ ދުވުމަކަށް ނުވާތީ، ބައިވެރިންނަށް ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުންވެސް މި ރޫޓު ފުރިހަމަކުރެވިދާނެއެވެ. އުރީދޫން ބުނާ ގޮތުގައި މުޅި ރޫޓުގައި މަޖާ ހުރަސްތަކާއި ތަފާތު ޙަރަކާތްތައް ހުންނާނެތީ، މައިގަނޑު ސަމާލުކަމެއް ދެވިފައިވަނީ އަވަހަށް ނިންމުމަށްވުރެ ބޮޑަށް ބައިވެރިވުމުގެ މަޖާ ތަޖުރިބާ ލިބިގަތުމަށެވެ.

ކިޓްތައް

އުރީދޫން ދެ ވައްތަރެއްގެ ކިޓް ދޫކުރެއެވެ:

  • ފަން ކިޓް، 210 ރުފިޔާ: ފަން ރަން ޓީޝާޓް، ބަންޑާނާ، ކޮތަޅު (ދަބަސް) އަދި އަވިއައިނު

  • ސްޓޭންޑަޑް ކިޓް، 110 ރުފިޔާ: ފަން ރަން ޓީޝާޓް، ބަންޑާނާ އަދި ބިބް

ޑިސެމްބަރު 10 ގެ ޙަރަކާތްތައް

ދުވުމުގެ އެއްދުވަސް ކުރިން، ދެ ޙަރަކާތެއް ބޭއްވުމަށްވެސް އުރީދޫން ވަނީ ހަމަޖައްސާފައެވެ:

  • ކުޑަކުދިންގެ ހަވީރު: ހަވީރު 4:00 އިން 6:00 އަށް

  • މިއުޒިކް ޝޯ: ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް