ކުޅުދުއްފުށީ ސީޕޯޓް ބޮޑުކުރުމުގެ މަޝްރޫއަށްޓަކައި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިހްތިސާސުން ބިން ވަކިކޮށް، ދައުލަތުގެ ބިމެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް 5 ނޮވެމްބަރު 2026 ގައި ގެޒެޓްގައި ޝާއިއުކުރި ސަރުކާރުގެ އިއުލާނެއްގައި ބަޔާންކޮށްފައިވެއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ފަރާތުން ނެރެފައިވާ މި އިއުލާނުގެ ނަންބަރަކީ (IUL)13-D1/13/2026/219 އެވެ.
މި އިއުލާނުގައި ހަވާލާދީފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) އަށް 19 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، އެ ގާނޫނުގެ 56-2 ވަނަ މާއްދާގެ (ނ) އަދި (ރ) އަށެވެ.
މަޝްރޫއުގައި ހިމެނޭ ކަންކަން
އިއުލާނާ އެކު އާންމުކޮށްފައިވާ ބިމާ ބެހޭ ތަފުސީލުގައި މި މަޝްރޫއު ބަހާލާފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ:
ކޮންޓޭނަރާއި އާންމު މުދާ އުފުލުމަށް މިހާރުވެސް ބޭނުންކުރަމުންދާ މަލްޓިޕާޕަސް ޕޯޓުގެ ކީވޯލް ބޭރަށް ދަމާލައި ދިގުކުރުން
ބޮޑެތި އުޅަނދުފަހަރަށް ގާތްކުރެވޭނެ ގޮތަށް ބަނދަރު ފުންކުރުން
ފީޑާ ހިދުމަތް (އެންކާ ސާވިސް) މެދުވެރިކޮށް އެ ސަރަހައްދަށް ގެންނަ ކޮންޓޭނަރުތައް ބަހާ މަރުކަޒެއްގެ (ޑިސްޓްރިބިއުޝަން ސެންޓަރެއްގެ) ގޮތުގައި އެ ބަނދަރު ހިންގުމާއި، އޭގެ ތެރޭގައި ފްރީ ޒޯނާއި، ވެއާހައުސިން އަދި ބޮންޑެޑް ވެއާހައުސިންގެ ހިދުމަތްތައް ދިނުން
އިއުލާނުގައި ފާހަގަކޮށްފައިވާ ބިން
ބިމުގެ ތަފުސީލުގައި މި ބިން ބަޔާންކޮށްފައިވަނީ ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގެ ގޮތުގައެވެ. އަދި އެ ސަރަހައްދުގެ ތެރޭގައި އެސްޓީއޯގެ ނޮދަން ޑިސްޓްރިބިއުޝަން ސެންޓަރަށް ދޫކޮށްފައިވާ ބިމާއި، ފިނިކުރި ކާބޯތަކެތި ރައްކާކުރާ ފެސިލިޓީއެއް (ކޯލްޑް ސްޓޯރޭޖެއް) ގާއިމުކުރުމަށް ހޭންޑީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ޕްލޭންގައިވާ އަދަދުތައް
އިއުލާނާ އެކު ވާ ދެވަނަ އެޓޭޗްމަންޓް، "KPL Land Use Plan 2026 - v2 (revised Nov 2026)" ގައި ދައްކާ ގޮތުން، ބަނދަރުގެ ބިމުގެ ސަރަހައްދަކީ 57,934 އަކަމީޓަރެވެ. އަދި ބަނދަރުގެ ފަޅުގެ ސަރަހައްދަކީ 55,479 އަކަމީޓަރެވެ. މިއީ އެ ޕްލޭނުން ފެންނަން ހުރި އަދަދުތަކެވެ. ނަމަވެސް، ވަކިކުރާ ބިމުގެ ޖުމްލަ ބޮޑުމިން ބިމާ ބެހޭ ތަފުސީލު ލިޔުމުގައި ހިމަނާފައެއް ނުވެއެވެ.
ހިޔާލު ހުށަހެޅުން
މި ޕްލޭނާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ އިއުތިރާޒެއް އޮތް ފަރާތެއް ވާނަމަ، 5 ނޮވެމްބަރުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން މިނިސްޓްރީއަށް ލިޔުމުން އެންގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ގާނޫނުގައި ލާޒިމުކުރާ ކަންކަން
ގާނޫނު ބުނާ ގޮތުން، ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ބިމެއް ނަގާނަމަ، އެ ބިމަކާ ގުޅޭ ތަފުސީލުތަކާއި ލިޔެކިޔުންތައް ކައުންސިލާ ހިއްސާކުރަން ޖެހޭނެއެވެ. އަދި ކައުންސިލާ މަޝްވަރާކުރުމުގެ އިތުރުން، އާންމުންގެ ހިޔާލު ވެސް ހޯދަން ޖެހޭނެއެވެ.
މި ގާނޫނުގެ ދަށުން ސަރުކާރުން ދާދި ފަހުން ވަނީ މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވެސް 14 ބިމެއް ވަކިކޮށްފައެވެ. އެ މައްސަލަ ހުއްޓުވުމަށް އެ ކައުންސިލުން މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.